މުސްލިމުންނާ ދެކޮޅަށް އަޑު އުފުލުމަސް އިންޑިއާއިން ޓްވިޓާ ދޫކޮށް އިތުރު އެޕްލިކޭޝަނެއް ހަދައިފިއެވެ.

"ކޫ" ގެ ނަމުގައި ތައާރަފުކުރި މި އެޕްލިކޭޝަން މިހާތަނަށް ދެ މިލިއަނެއްހާ މީހުން ވަނީ ޑައުންލޯޑުކޮށްފައެވެ. މި އެޕް ހަދާފައިވާކަން އެންމެ ފުރަތަމަ އިއުލާން ކުރީ އެ ގައުމުގެ ކޮމާސް މިނިސްޓަރު ޓްވިޓާގައެވެ. އޭގެ ފަހުން ގިނަ ބަޔަކު ވަނީ ޓްވިޓާ ދޫކޮށް އެ އެޕްލިކޭޝަނަށް ބަދަލުވެފައެވެ.

Ad
rt

މި އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ ބާރުތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މީހުންނެވެ. މި އެޕްލިކޭޝަންގެ ލޯގޯގައި ނޫކުލައިގެ ދޫންޏެއްގެ ބަދަލުގައި ރީނދޫ ކުލައިގެ ދޫންޏެއް ހުންނައިރު ޓްރެންޑިން ޓޮޕިކްތަކުގައި ހިމަނާފައިވަނީ ސަރުކާރުގެ ޕްރޮޕެގެންޑާތަކެވެ. އަދި ޓްވިޓާއާ ހިލާފަށް މި އެޕުގައި 400 ކެރެކްޓާއާ ހަމައަށް ލިޔެވެއެވެ.

އިންޑިއާއިން މި އެޕްލިކޭޝަން ތައާރަފު ކުރީ އެ ގައުމުގެ ހިންދޫންގެ ހަރުކަށި ފިކުރުތައް ޓްވިޓާގައި އާއްމު ކުރުމުން އެ ޓްވީޓުތައް ޓްވިޓާއިން ޑިލިޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން އެ ގައުމުގެ އައިޓީ މިނިސްޓަރު ވަނީ ޓްވިޓާގެ އޮފިޝަލުން ޖަލަށް ފޮނުވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ޓްވިޓާގައި ފިތުނަ އުފައްދާ ވާހަކަތައް ނުފެތުރޭނެއެވެ. އެއީ އެ ޕްލެޓްފޯމުގެ ގަވާއިދުތަކާ ހިލާފު ކަމަކެވެ. ނަމަވެސް ކޫގައި ބޭނުން ހިޔާލެއް ފާޅު ކުރެވެއެވެ. އެހެންކަމުން އިންޑިއާގެ ހިންދޫން މި ޕްެލޓްފޯމު ބޭނުން ކުރަނީ މުސްލިމުންނަށް ފުރައްސާރަކޮށް ފިތުނަ އުފެއްދުމަށެވެ.

ބީޖޭޕީގެ އިސް މަގާމެއްގައި ހުރި މެމްބަރަކު ވަނީ މި ޕްލެޓްފޯމުގައި މުސްލިމުންނަށް ދޭނެ ވަނަމަކާ ގުޅޭގޮތުން ޕޯލެއްވެސް ނަގާފައެވެ. މި ޕޯލުގައި އޭނާ ވަނީ މުސްލިމުންނަށް ވަނަމެއްގައި ގޮތުގައި ކިޔަން ރަނގަޅީ ގައްދާރުންތޯ ނުވަތަ ޖިހާދީ ކުއްތާތައްތޯ އަހައިފައެވެ.

މީގެ އިތުރުން މުސްލިމުންގެ ސަބަބުން ބަލިތައް ފެތުރޭ ކަމަށާއި އެއްވެސް މުސްލިމަކު އެމީހުންގެ އައިޑީތަކަށް ފޮލޯ ކޮށްގެން ނުވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މިކަމާ ގުޅިގެން ކޫގެ ކޯ ފައުންޑާ އަޕްރަމެޔާ ރާދަ ކްރިޝްނާ ބޭރުގެ ނޫސްތަކަށް ބުނީ އޭނާ މި އެޕްލިކޭޝަން އުފެއްދީ ފިތުނަ އުފައްދަން ނޫން ކަމަށެވެ. އަދި އެންމެން ދައްކާ ވާހަކަތައް ހުއްޓާ ނުލެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.