ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ހުށަހެޅޭ ކުޑަކުދިން އިސްލާހުކުރުމަކީ މުޖުތަމަޢާއި ދައުލަތުގެ ޒިންމާއެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޢަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

އަލީ ނަޛީރު މިހެން ވިދާޅުވެފައިވަނީ، "ރާއްޖޭގައި ހަރުކަށި ފިކުރުގެ ގުރޫޕުތަކާ ގުޅުންހުރި ކުޑަކުދިން" އިސްލާހުކޮށް މުޖުތަމައުއަށް ގަދަރުވެރި ބައެއްގެ ގޮތުގައި ގެނައުމަށް މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ޔޫ.އެން.އޯ.ޑީ.ސީ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 2 ދުވަހުގެ ތަމްރީން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މިރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޢަލީ ނަޛީރުގެ އިތުރުން، ރާއްޖޭގައި ހުންނަވާ އދ ގެ ރެޒިޑެންޝަލް ކޯޑިނޭޓަރ ކެތަރީން ހެސްވެލް އާއި ޔޫ.އެން.އޯ.ޑީ.ސީ ގްލޯބަލް ޕްރޮގްރާމް ޓު އެންޑް ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަންގެ ކޯޑިނޭޓަރ ޑރ. އެލެކްޒެންޑްރާ ސޫޒާ މާޓިންސްގެ އިތުރުން، ކަމާ ގުޅުންހުރި މުވައްސަސާތަކުގެ މަންދޫބުން މި ހަރަކާތުގެ އިފްތިތާޙީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ނަޛީރު އިތުރަށް ވިދާޅުވީ، ކޮންމެ ކުޑަކުއްޖަކީވެސް ގަދަރުވެރި ދިރިއުޅުމެއްގެ ޙައްޤު ލިބިފައިވާ ކުޑަކުއްޖެއްކަމަށް ދައުލަތުން ޤަބޫލުކުރައްވާކަމުގައެވެ.

ސީރިޔާގެ ކޭމްޕްތަކުގައި މިއަދުވެސް ދިވެހި އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން އެބަތިބިކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވިދާޅުވެފައިވަނީ، އެ ފަދަ ކުޑަކުދިން އަނބުރާ ޤައުމަށް ގެނެސް، ރިހެބިލިޓޭޓްކޮށް، އަލުން މުޖުތަމަޢަށް ނެރުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތެއްކަމަށެވެ.

ރައްޖޭގެ އެތެރޭގައި މިފަދަ ފިކުރުތަކުގެ ޝިކާރައަކަށް ވަމުންދާ ކުދިން އެކަމުން ސަލާމަތްކުރުމަކީވެސް ސަރުކާރުން ކުރަން ބޭނުންވާ ކަމެއް -

ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މި ކަން ކުރާނޭ މަގު ފަހިކުރުމަށްޓަކައި، ޔޫ.އެން.އޯ.ޑީ.ސީން މި ފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްއެކުލަވާލާފައިވާ މަގުޗާޓު ޕައިލެޓްކުރާނޭ ފުރަތަމަ ޤައުމަކީ ރާއްޖެ ކަމުގައި ހެދުމަށް މިދިޔަ އަހަރުގެ މާރިޗުމަހު ދިވެހި ސަރުކާރުން އެދިވަޑައިގެންފައިވާނޭކަމަށް ނަޛީރު ވިދާޅުވެފައިވެއެވެ. އަދި އެއާއެކު އެކުލަވާލެވުނު ހާލަތު ދެނެގަތުމުގެ ދިރާސާ އަށް ފަހު ރާއްޖޭގެ ކަމާ ގުޅޭ މުވައްސަސާތަކުގެ ޤާބިލިއްޔަތު އިތުރުކުރުރެވިގެންދާކަން ފާހަގަކުރައްވާފައިވެއެވެ.