ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް ދެއްވާގޮތައް ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ، މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ޤައުމީ ފެންވަރުގެ އިނާމެއް ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައި، އެކަމުގެ މަޢުލޫމާތު، ވަޒީރުންގެ މަޖިލީހާ މިއަދު ޙިއްޞާ ކުރައްވާފައިވާކަމަށެވެ.
މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އިނާމުގެ ތަފްޞީލު ދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވިކަމަށެވެ.
އެބޭފުޅުންގެ ޚިދުމަތްތަކަކީވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއްކަމަށް ރައީސް ވިދާޅުވި އެވެ.
ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ -
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
އެކަމާބެހޭ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރުވަނީ ހަވާލުކުރައްވާފައި އެވެ.
އިނާމު ދެއްވުމުގެ އުޞޫލު އެކޮމިޓީން ކަނޑައެޅުއްވުމުން، އެ އުޞޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ޚިޔާލު ހޯއްދަވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!