ބަޣާވާތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ވެރިކަމަށްއައި މީހުން، ރައީސް ނަޝީދުގެ ވެރިކަމުގައި، އޭރުގެ ސަރުކާރުން 2011 ވަނަ އަހަރު އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢު، "ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން ފްލެޓު ހޯދުމަށް ކުރިމަތިލި މީހުންގެ ފޯމުތައް، އަޅާލީ ޑަސްބިނަށް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ، އިޖްތިމާޢީ ގެދޮރުވެރިކަމަށް ޚާއްޞަކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެޅި 1 ކޮޓަރީގެ ފްލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތުގެ ތަފްޞީލް ހާމަކުރުމަށް ގޮވާލައި، ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝިފާޢު ވިދާޅުވީ، ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވަޢުދެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ މިފަދަ މަޝްރޫޢުއެއް ފެއްޓެވީ ރައީސް ނަޝީދުގެ ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސަރުކާރުގައި މާލޭ ރައްޔިތުންގެ ބޯހިޔާ ވަހިކަން ހައްލުކުރުމަށް ދިގުރާސްތާ ޕްލޭނެއް އެކުލަވާލި ކަމަށާއި، ނަމަވެސް ބަޣާވާތަކުން އެ ވެރިކަން ވައްޓާލާފައި ދެންއައި ފަރާތްތައް ކަންކުރި ގޮތަކީ ވެށިފަހި މާލޭ ފޯމުތައް ވެސް އެޅީ ޑަސްބިނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ''އެފަރާތްތައް އެއްކޮށް ވުޖޫދުން ފޮހެލީ،'' ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ އަރަބިއްޔާ ބިމުގައި ރައީސް ނަޝީދު އިމާރާތްކުރަށްވަން ފެއްޓެވި ފްލެޓްތަކަށް އެތައް ލައްކަ ރުފިޔާއެއް ދައްކަން ނިކަމެތި ރައްޔިތުންނަށް އެންގީ މިދިޔަ ސަރުކާރުން ކަމަށެވެ. އެރަށްޔިތުންނަށް ނުއުފުލޭ ވަރުގެ އަގެއް ދައްކަން މަޖުބޫރު ކުރީ އޭރުގެ ބޮޑުންނަށް އެ ފްލެޓްތައް ހޯދައިދޭން ކަމަށް ވެސް އޭނާ ތުހުމަތު ކުރިއެވެ.

''މިއީތޯ ސަރުކާރަކުން ރައްޔިތުންނަށް ބީހިޔާވަހިކަން ހޯދައިދޭ ގޮތަކީ، މިއަދު ލަދު ގަންނަން ޖެހޭނެ، މިއަދު މިތަނަށް އައިސް ނިކަމެތި މާލޭ ރައްޔިތުންގެ ވާހަކަ ދައްކަން އަނގަހުޅުވަން''- ޝިފާޢު

ޝިފާޢު ވިދާޅުވީ، ހުޅުމާލޭގައި 7 ހާސް ފްލެޓް އަޅަން ރައީސް ޔާމީންގެ ސަރުކާރުން ހިތުލީވެސް އޭރުގެ ސިޔާސީ ބޮޑުންނަށް ކޮންމެ ފްލެޓަކުން 2 ހާސް ޑޮލަރު ލިބޭ ގޮތަށް ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ފްލެޓްތަކުގެ އަގު އަތްނުފޯރާ ވަރަށް މައްޗަށްގޮސް، މިއަދު މި ސަރުކާރަށް ޖެހިފައިވަނީ ރައްޔިތުމީހާއަށް އެތަންތަން ލިބޭނެ ގޮތަށް ކަންކަންކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ އެ 7 ހާސް ފްލެޓް ގަންނަން 9 ހާސް މީހުންނަށް ލިޔުން ދޫކުރި ކަމަށާއި، ''އެ ޖަރީމާގެ ފަހަތުގައި ހުރި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މިއަދު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާން ލަދު ގަންނަން ޖެހޭނެ'' ކަމަށެވެ.

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށާއި، އެކަން ކުރެވޭނީ ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓޫދީ، މާލޭގެ މޭޔަރުކަމަށް އަނަސް އަބުދުއް ސައްތާރު ހޮވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.