ކޯވިޑް-19 ވައިރަހަކީ ވާލުން އިންސާނުންނަށް ޖެހުނު ވައިރަސްއެއް ކަމުގެ ފުރުސަތު ބޮޑު ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ޗައިނާއަށް ދިޔަ ޓީމުގެ މެމްބަރަކު ބުނެފިއެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ މި މީހާ ބުނީ ޓީމުގެ ހޯދުންތަކުން ވައިރަހަކީ ޖަނަވާރެއްގެ ފަރާތުން އައިސްފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް އެއީ ސީދާ ވޫހާންގެ މާރުކޭޓުން އައި ވައިރަހެއްކަން ބުނަން ދަތިތަކަމަށްވެސް އޭނާ ބުންޏެވެ.

Ad
rt

މި ވައިރަހުގެ ހަގީގަތް ހޯދުމަށް ޑަބްލިއުއެޗްއޯއިން ޗައިނާއަށް ދިޔަ ޓީމުން ވަނީ މި ވައިރަސް އިންސާނުންނާ ހަމައަށް އައި ގޮތް ބެލުމަށް ހުބާއީ ޕްރޮވިންސުގައި އުޅޭ ވާލުތަކުގެ ސާމްޕަލްތައް ވެސް ނަގައިފައެވެ. ހުބާއީ ޕްރޮވިންސަކީ ދުނިޔޭގައި ފުރަތަމަ ކޯވިޑް ކޭސް ފެނުނު ސަރަހައްދެވެ.

ކޯވިޑް އައި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަނީ ވޫހާންގެ ވެޓް މާރުކެޓުންނެވެ. އެ މާރުކޭޓު ބަންދު ކުރި ފަހުން އެތާނގައި ތިބި ޖަނަވާރުތައް ޓެސްޓު ކުރިއިރު އެއްވެސް ޖަނަވާރަކު ވައިރަސްއަށް ޕޮޒިޓިވް ނުވެއެވެ. ނަމަވެސް ވައިރަސް ކެރީ ކޮށްފާނެ ބާވަތުގެ ޖަނަވާރުތައް އެ މާރުކޭޓުން ވިއްކާ ކަމަށް ޑަބްލިއުއެޗްއޯ ޓީމުގެ މެމްބަރު ބުންޏެވެ.

ދިރިހުރި ޖަނަވާރުތައް ޓެސްޓު ކުރި ނަމަވެސް ގަނޑުކޮށްފައި ހުރި ތަކެތި ކޯވިޑްއަށް ޓެސްޓެއް ނުކުރެއެވެ. އެހެންކަމުން ގަނޑުކޮށްފައި ހުރި އެއްޗަކުންވެސް ވައިރަސް ފެތުރިދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެ ޓީމުން ބުނެއެވެ.

އޭނާ ބުނިގޮތުގައި މާރުކޭޓަކީ ބޮޑު ސަރަހައްދަކަށްވެފައި ދުވާލަކު 10،000 މީހުން ޒިޔާރަތް ކުރާ ތަނަކަށްވާތީ ވައިރަސް އެ ތާނގައި ފެތުރުމުގެ އެކަށީގެންވާ ކަމަކެވެ. ނަމަވެސް ފުރަތަމަ ވައިރަސް ޖެހުނު ކަމަށް ބަލާ މީހާ އާއި ފުރަތަމަ މި ވައިރަސް ޖެހުނު ގިނަ މީހުން އެ މާރުކޭޓަށް ނުދާ ކަމަށް ތަހުގީގުތަކުން ފެންނަ ކަމަށް އޭނާ ބުންޏެވެ.

ބައެއް މީހުން ވަނީ މި ވައިރަސް އަކީ ޗައިނާގެ ލެބޯޓްރީއަކުން ފެތުރި ވައިރަސްއެއް ކަމަށްވެސް ތުހުމަތުކޮށްފައެވެ. ނަމަވެސް ޑްބަލިއުއެޗްއީގެ ހޯދުންތަކުން މިއީ ވައިރަސް ފެތުރުމުގެ ސަބަބަކަށް ނުވާނެ ކަމަށް ވަނީ ނިންމާފައެވެ. އެ ޓީމުން މިހެން ނިންމީ ވޫހާނެގް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް ޒިޔާރަތް ކޮށް ކުރި ދިރާސާތަކުންނެވެ. އެގޮތުން، އެ ލެބުގައި މަސައްކަތް ކުރާ ހުރިހާ ޓެކްނީޝަނުންގެ ލޭގެ ޓެސްޓު ހަދާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ވަރަކަށް އެންޓިބޮޑީސް ފެނިފައި ނުވާކަމަށް ވަނީ ބުނެފައެވެ.

ޗައިނާއިން މި ވައިރަސް ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ޑަބްލިއުއެޗްއޯގެ ހޯދުންތަކުން ވައިރަސް ފެތުރިފައިވަނީ ނޮވެމަބްރު މަހު ކަމަށްވެސް ލަފާ ކުރެވެއެވެ. އަދި ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެއަށްވުރެ ކުރިންވެސް ވައިރަސް ވަނީ ފެނިފައެވެ. ނަމަވެސް މިކަން އަދި ކަށަވަރުވެފައި ނުވެއެވެ.