ގްރީސްގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ތެސަލޮނިކީގައި މުސްލިމުން އަޅުކަން ކުރަން މިސްކިތެއް އެޅުމުގެ ހުއްދަ ދޭން އެ ގައުމުން ދެކޮޅު ހަދައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި "މެކެޑޯނިއާ ތްރޭސް މުސްލިމް އެޑިއުކޭޝަން ކަލްޗާ ފައުންޑޭޝަން" އިން މި ހުއްދައަށް އެދިފައިވަނީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ ލިޔެކިޔުންތަކާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުއެވެ. ނަމަވެސް އެ ހުއްދަ ނުދިނުމަކީ އެ ގައުމުގެ މުސްލިމް މައިނޯރިޓީގެ ހައްގުތަކަށް އަރައިގަތުން ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

Ad
rt

އެ ގައުމުގެ އެޑިއުކޭޝަން އެންޑް ރިލިޖަން މިނިސްޓްރީން މި ހުއްދަ ބާތިލުކޮށްފައިވަނީ ބައެއް ލިޔެކިޔުންތަކާއި ބައެއް ޓެކްނިކަލް ޑީޓެއިލް ނެތުމުގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ. މި ހުއްދައަށް އެދި ފޯމު ލުމަށް ދެ އަހަރު ވަންދެން އެ ސަރަހައްދުގެ މުސްލިމް ކޮމިއުނިޓީން ވަނީ މަސައްކަތް ކޮށްފައެވެ.

މި ނިންމުމާ ގުޅިގެން މުސްލިމް ފައުންޑޭޝަންގެ މީހުން ވަނީ މިސްކިތް ހެދުމުގެ ހުއްދަ ނުދޭނަމަ ނަމާދު ކުރަން މަގުމައްޗަށް ނުކުންނާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ހުއްދަ ބާތިލު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.

ގްރީސްގައި މުސްލިމުންނާ ދޭތެރޭ މިގޮތަށް ކަންތައް ކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ވަރަށް ފަހަކާ ޖެހެންދެން އެ ގައުމުގެ އެތީންސް މަޝްހޫރުވެފައި އޮތީ ޔޫރަލުގެ ހަމައެކަނި މިސްކިތެއް ނެތް ކެޕިޓަލްގެ ގޮތުގައެވެ. އެ ސިޓީގައި ތިން ލައްކައެއްހާ މުސްލިމް ދިރިއުޅެއެވެ. މި ސިޓީގައި މިސްކިތެއް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.