ދިވެހިރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު އައްޑިހަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާތަނަށް 80،153 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިނޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100000 ޑޯޒް "ކޮވިޝީލްޑް" ވެކްސިނެވެ.
ގްރޭޓާ މާލޭ ސަރަހައްދުގެ 10 ވެކްސިނޭޝަން ސެންޓަރަކާއި އަދި އަތޮޅުތެރޭގެ 69 ސެންޓަރު ހިމެނޭގޮތުން ޖުމްލަ 79 ސެންޓަރުގައި
މިހާރު ވެކްސިން ދެމުން އަންނައިރު މިއަދު އެކަނިވެސް ވަނީ 5085 މީހަކަށް ވެކްސިން ދީފައެވެ.
އިންޑިއާއިން މިއަދި ވަނީ އިތުރު 100000 ޑޯޒް "ކޮވިޝީލްޑް" ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ސަރުކާރުން ވަނީ ގަނެފައެވެ.
މީގެއިތުރުން ޗައިނާއިން ވަނީ އެ ޤައުމުގެ ސައިނޯފާމް އިން އުފައްދާފައިވާ 10000 ޑޯޒް ވެކްސިން ވެސް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އަދި އިތުރު 100000 ޑޯޒް ރާއްޖެއަށް ވަރަށް އަވަހަށް ގެނެވޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!