ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 75،013 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރަށްވާފައި ވާގޮތުގައި އިއްޔެ އެކަނި ވެސް ރާއްޖޭގައި 5،004 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލޭ އޭރިއާއިން ވެކްސިން ޖެހި 3،310 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 1،694 މީހުންނެވެ.

Ad
rt

މިގޮތުން ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވަނީ 79 މަރުކަޒެއްގަ އެވެ. އެއީ ގްރޭޓަރ މާލޭގެ 10 ވެކްސިނޭޝަން މަރުކަޒަކާއި އަދި އަތޮޅުތެރޭގެ 69 ވެކްސިނޭޝަން މަރުކަޒަކުންނެވެ.

ރާއްޖޭގައި ފެބްރުއަރީ އެއްވަނަ ދުވަހުން ވެކްސިން ދޭން ފަށާފައިވާއިރު، ރާއްޖޭގައި ދެމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.

އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޑްޝީލްޑް ވެކްސިންއަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.

އިންޑިއާއިން މި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، "ކޮވިޝީލްޑް" ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެ ހަދިޔާ ކުރީ މިދިޔަ ޖެނުއަރީ މަހުގެ20 ވަނަ ދުވަހުއެވެ. އަދި އިތުރު އެއްލައްކަ ޑޯޒް ހަދިޔާ ކުރަން ނިންމައި، ރަމްޒީގޮތުން ވަނީ އެ އެއްލައްކަ ޑޯޒް ވެކްސިން މި މަހުގެ 20 ވަނަ ދުވަހު ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.

އިންޑިއާއިން ހަދިޔާ ކުރާ ކޯވިޑް ވެކްސިންގެ ޢަދަދު ދެ ލައްކަ ޑޯޒަށް އިތުރުކުރިއިރު، ޗައިނާ ސަރުކާރުން ވެސް ރާއްޖެއަށް 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފި ކަމަށް މިމަހުގެ 4 ވަނަ ދުވަހު ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅުވެފަ އެވެ. ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިން އެ ވެކްސިން ޝިފްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަަމަށް ވެސް އެދުވަހު ސަފީރު ވަނީ ވިދާޅުވެފަ އެވެ.

އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޯވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން މިހާރުވެސް ރާއްޖޭގައި އެބަހުއްޓެވެ.

މީގެއިތުރުން ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.