ހއ. ދިއްދޫ ތަރައްޤީވުމަކީ އޭގެ މަންފާ މުޅި ހއ. އަތޮޅަށް ކުރާނެ ކަމެއް ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަދި މިހާރު ވެސް ހއ އަތޮޅު ކައުންސިލްގައި ދިއްދޫ ތަމްޞީލްކުރައްވާ މެމްބަރު ޢަބްދުﷲ ސިރާޖް ވިދާޅުވެއްޖެއެވެ.

ސިރާޖް މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ހއ ދިއްދޫ ކައުންސިލާއި، ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް އަދި ރައްޔިތުންގެ މަަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރޭ ބޭއްވެވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ސިރާޖް ވިދާޅުވީ، އަތޮޅުގައި ދިއްދޫ އޮތް ތަނުގެ ގޮތުން، ދިއްދޫއަކީ ހުރިހާ ރަށަކަށް ވެސް މުހިންމު ރަށެއް ކަމަށާއި، ދިއްދޫގައި ފެންވަރު ރަނގަޅު ޚިދުމަތް ލިބެން ހުރުމަކީ އޭގެ މަންފާ ހަމައެކަނި ދިއްދޫގެ ރައްޔިތުންނަށް ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފައިދާ މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ކުރާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިމޭރުމުން ދެއްކެވި ވާހަކާގައި، 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ކުރީގެ ސަރުކާރުން އެކުލަވާލައްވާފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓްގައި ދިއްދޫއަށް އޮތީ ހަމައެކަނި ފާލަމެއް އެޅުމުގެ މަސައްކަތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، 2020 ވަނަ އަހަރުގެ ބަޖެޓްގައި މި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިމަނުއްވާފައިވާއިރު ކޯވިޑްގެ ވަބާގެ ސަބަބުން އެއިން އެއްވެސް މަޝްރޫޢެއް ކުރިއަށް ނުދާކަމަށެވެ. ނަމަވެސް ބަޖެޓުން ބޭރުން އެދެވޭ ލުއިތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖް ވަނީ 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ދިއްދުއަށް ކަނޑައަޅުއްވާފައިވާ ބައެއް މަޝްރޫޢުތައް މިހާރު ހިނގަން ފަށާފައިވާކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ހއ އަތޮޅު ހޮސްޕިޓަލްގައި މުޅިން އަލަށް ގިނަ ޚިދުމަތްތަކެއް މި ސަރުކާރުން ފަށްޓަވާފައިވާކަމަށާއި، ނަމަވެސް ހޭނައްތާ ޑޮކްޓަރު މި ވަގުތު ޗުއްޓީއަށް ވަޑައިގަތުމާއެކު އަންހެނުންގެ ފަރުވާއާއި އޮޕަރޭޝަންގެ ޚިދުމަތަށް ދަތިވެފައިވާ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އޭނާ ގެންނެވިއެވެ. އަދި ދިއްދޫގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިތަކާއި، ޖޫނިއަރ ކޮލެޖްގެ ވާހަކައާއި، މަސްވެރިންގެ އެންމެ ބޮޑު އެއް އެދުން ކަމަށްވާ އައިސް ޕްލާންޓާއި ދިއްދޫގެ ފުޓްބޯޅަ ދަނޑުގެ ސިޑިބަރިއާއި ރޮސްޓްރަމް އަދި ލައިޓް ޖެހުން އަވަސްކުރެއްވުމަށާއި، ޔޫތު ސެންޓަރގައި އިންޑޯ ކުޅިވަރުތަކާއި ޖިމްގެ ޚިދުމަތް ފެށުމަށް ޒުވާނުން އެދޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ހއ. އަތޮޅުގެ 13 ރަށުގެ އެމްޑީޕީގެ ކެނޑިޑޭޓުންނާއިއެކު ރޭ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ''ރަށްވެހި ފަތިސް''ގެ އޮންލައިން ކެމްޕެއިން ބައްދަލުވުމުގައި، ދިއްދޫގެ ކުނީގެ ޙާލަތާއި ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސިރާޖް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

ސިރާޖްގެ ވާހަކަފުޅަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ތަފްޞީލްކޮށް ޖަވާބު ވެސް އަރުއްވާފައެވެ.