މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކާއި އެއްވުންތަކުގައި ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާ އަނިޔާވާ ގޮތަށް އަމަލު ކުރާތީ އެކަން ކުއްވެރިކޮށް އެކަން ތަކުރާރު ނުކުރުމަށާއި ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ގޮވާލާ ކަމާބެހޭފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ނޫސްވެރިން މުޒާހަރާ ކޮށްފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކުރިމަތީގައި ނޫސްވެރިން މުޒާހަރާކޮށް އަޑުއުފުލާފައިވަނީ މިއަދު އެވެ.

Ad
rt

ނޫސްވެރިން ހަމަހިމޭން އިހުތިޖާޖެއް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މަގުމަތީ ހަރަކާތް ކަވަރުކުރުމުގައި ހަރަކާތްތެރިވި ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވުމާއި އެ ހަރަކާތް ނިމުނު ފަހުން ކެފޭއެއްގައި އެ ސްޓޭޝަންގެ ނޫސްވެރިން ތިއްބާ 3 ފުލުހަކު ވަދެ ނޫސްވެރިއަކަށް އަނިޔާކޮށް ނެރުނު މައްސަލައަކާއި ގުޅިގެންނެވެ.

މިމުޒާހަރާގައި ވަނީ ނޫސްވެރިންނާއި މީޑިއާތަކަށް ރައްކާތެރިކަން ދިނުމަށް އެދި އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ބޭނުންކޮށްފައެވެ. ނޫސްވެރިންނަށް އަނިޔާ ނުކުރުމަށާއި ކުރިން ރާއްޖެޓީވީއަށް ހެދި ގޮތަށް ނުހެދުމަށް ބައެއް ނޫސްވެރިން ގޮވާލި އެވެ.

އެ މުޒާހަރާގެ ބައިވެރިންނާ އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއާއި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވަނީ ބައްދަލުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި އެބޭފުޅުން ވަނީ ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާއިފަ އެވެ.

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސް ނޭޅުމަށް މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ގޮވާލާފައެވެ.