އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ މިކަން ޢިއުލާން ކުރަށްވައި، ރަމްޒީ ގޮތުން މި ވެކްސިން ދިވެހި ސަރުކާރާއި މިއަދު ވަނީ ހަވާލު ކުރަށްވާފަ އެވެ.

Ad
rt

ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.

އިންޑިއާއިން ރާއްޖެ ހަދިޔާ ކުރަމުން މިދާ ކޮވިޑްޝީލްޑް ވެކްސިންއަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.

އިންޑިއާއިން މި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް، "ކޮވިޝީލްޑް" ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެ ހަދިޔާ ކުރީ މިދިޔަ ޖެނުއަރީ މަހުގެ20 ވަނަ ދުވަހުއެވެ. އަދި ރަސްމީކޮށް ރާއްޖޭގައި މި ވެކްސިން ޖަހަންފެށީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

މިހާތަނަށް ރާއްޖޭގައި 64،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވެކްސިން ދީފަ އެވެ.

އިންޑިއާއިން ހަދިޔާ ކުރާ ކޯވިޑް ވެކްސިންގެ ޢަދަދު ދެ ލައްކަ ޑޯޒަށް އިތުރުކުރިއިރު، ޗައިނާ ސަރުކާރުން ވެސް ރާއްޖެއަށް 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފި ކަމަށް މިމަހުގެ 4 ވަނަ ދުވަހު ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ވިދާޅުވެފަ އެވެ. ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިން އެ ވެކްސިން ޝިފްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަަމަށް ވެސް އެދުވަހު ސަފީރު ވަނީ ވިދާޅުވެފަ އެވެ.

އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޯވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން މިހާރުވެސް ރާއްޖޭގައި އެބަހުއްޓެވެ.

މީގެއިތުރުން ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.