އަވަށްޓެރި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްވެރިންނެވެ.
އޭގެތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުހައްމަދާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ހުސައިން ނިޔާޒު ހިމެނެއެވެ.
ފޮރިން މިނިސްޓްރީއިން ވިދާޅުވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދާއި، މިނިސްޓްރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ އާއި ވެސް އެމަނިކުފާނު ބައްދަލްކުރައްވާނެ ކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އިބްރާޙީމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލްއާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއިއެކު ޖޮއިންޓް މީޓިންގއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެހިފާ ވަކަމަށެވެ. އަދި މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހް ވެސް އޮންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވަ އެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް މި ކުރައްވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށެވެ. މިއީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ރާއްޖެއަށް ވަޑައިގަންފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!