"މޯލްޑިވްސް ލޭކް"ގެ ނަމުން މަޝްހޫރުވެފައިވަނީ ތުރުކީގެ "ލޭކް ސަލްޑާ" ހިކެން ފަށައިފިއެވެ.

އެ ގައުމުގެ ޖިއޮލޮޖީ އިންޖިނިއަރުންތަކެއް ބުނެފައިވާގޮތުގައި ވާރޭ ވެހި ސްނޯ ފޭބި ނަމަވެސް އެ ފެންގަނޑަށް ބޭނުންވާ ވަރަށް ފެން ލިބިފައި ނުވާކަމަށެވެ. އެހެންކަމުން ދުނިޔޭގެ މަޝްހޫރު އެހެން ލޭކުތަކެއްހެން މި ލޭކުވެސް ނެތިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

Ad
rt

ޖިއޮލޮޖީ އިންޖިނިއަރެއް ކަމަށްވާ ކެވްނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި ފެންގަނޑު ހިކުމުގައި މައިގަނޑު ދެ ސަބަބެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން އެއް ސަބަބަކީ ބޭނުންވާ ވަރަށް ފެން ނުލިބުން ކަމަށްވާއިރު އަނެއް ސަބަބަކީ އިންސާނުން ކަމަށް އޭނާ ބުންޏެވެ. އެ ސަރަހައްދުގެ ގިނަ ބަޔަކު ދަނޑު ހެއްދުމަށް މި ފެންގަނޑުގެ ބޭނުން ކުރެއެވެ.

މި ފެންގަނޑަކީ ތުރުކީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ގައުމުގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. އެގޮތުން، މިދިޔަ އަހަރު ކޯވިޑުގެ ތެރޭގައި ވެސް އެ ފެންގަނޑަށް މިލިއަނެއްހާ މީހުން ޒިޔާރަތް ކުރިއެވެ.

ތުރުކީގެ ސަރުކާރުން ވަނީ ވަގުތީ ގޮތުން ފެންގަނޑަށް ފޭބުން މަނާ ކޮށްފައެވެ. މިއީ އެ ގައުމުގެ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ކެވްނީ ގަބޫލު ކުރެއެވެ. އޭނާ ބުނީ އެ ފެންގަނޑަކީ ކަނޑަކާއި ނުވަތަ ކޯރަކާ ގުޅިފައި އޮންނަ ފެންގަނޑަކަށް ނުވާތީ މީހުން އެ ފެންގަނޑަށް ފައިބައި އުޅުމުގެ ސަބަބުން ފެން ތަޢައްޔަރުވާނެ ކަމަށެވެ.

ތުރުކީގެ މި ފެންގަނޑަށް ރާއްޖޭގެ ނަމުން ނަން ދީފައިވަނީ ފެންގަނޑުގެ ކުލައިގެ ސަބަބުންނެވެ. އެ ފެންގަނޑުގައި ހުންނަނީ ރާއްޖޭގެ މޫދުގައި ހުންނަ "ޓާކޮއިސް" ކުލައެވެ. ގިނަ ބައެއްގެ މެދުގައި ރާއްޖެވެސް މަގުބޫލުވެފައިވަނީ މޫދުގެ މި ކުލައިގެ ސަބަބުންނެވެ.