ރައީސް އިބްރާޙީމް މުޙައްމަދުގެ ކެބިނެޓްގައި އެމަނިކުފާނަށް އިޚްލާޞްތެރި އެއްވެސް ވަޒީރެއް ނެތް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ޢަބުދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިރޭ ސަންގު ޓީވީގެ ''ޚަބަރަށްފަހު'' ޕްރޮގްރާމްގައި ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބުދެއްވައި ދެއްކެވި ވާހަކާގައެވެ.

Ad
rt

"ހިޔާ" މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީތަކަށް ފްލެޓް ނުދޭން ނިންމާ އެބައިތަކަށް ލާފައިވާ ފޯމުތައް ސަރުކާރުން ބާތިލްކުރު ކުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ވިސްނުން އޮޅުންފިލުވަން ކުރި ސުވާލެއްގެ ޖަވާބުގައި ލަތީފް ވިދާޅުވީ، މި ސަރުކާރު އައިފަހުން އަދި އެންމެ ފްލެޓެއްވެސް ނާޅާ ކަމަށެވެ.

މި ސަރުކާރުއައިސް ދޭންނިންމީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ހަތް ހާސް ފްލެޓް ކަމަށާއި، އެ ފްލެޓްތަކުގެ ހައްގުވެރިން ހޯދަން ޢިއުލާން ކުރެވި، ޝަރުތު ހަމަވާ މީހުން ކަނޑައެޅި، އެ ފްލެޓްތަކުގެ ހައްގުވެރީންނަށް ސަރުކާރު ބަދަލުވިއިރުވެސް ހުރީ ފްލެޓް ލިބޭނެ ކަމުގެ ލިޔުންދީފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ލިޔުން ލިބުނު މީހުން ތިބީ ފްލެޓްތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ބޯހިޔާވަހިކަން ކަށަވަރުވުމުން ވަރަށް އުފަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

''މިސަރުކާރު އަންނަންވެގެން ބުނީ ރައްޔިތުންނަށް އިންސާފު ހޯދައިދޭނަމޭ، ހައްގުތައް ހޯދައިދޭނަމޭ، ހައްގުތައް ކަށަވަރު ކޮށްދޭނަމޭ، މީހުންގެ ހައްގުތަކަށް އަމާނާތްތެރިވާނަމޭ، ތެދުވެރިވާނަމޭ، އިޚްލާސްތެރިވާނަމޭ، މަކަރުވެރިކަމެއް ނޯންނާނޭ، ދޮގުވެރިކަމެއް ނޯންނާނޭ، އެހެންކިޔައިގެން ނޫންތޯ މިސަރުކާރު މިއައީ، އައިސްދެން ބަޔެއްގެ ހައްގުތަކަށް އަރައިގަންނަން ހެޔޮވެސް ނުވާނެ''

ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ފްލެޓްތަކެއް އަޅައިގެން ދޭން އުޅުނު ނަމަ އިދިކޮޅުން އެކަމަށް މާބޮޑު ފާޑެއް ނުކިޔާނެ ކަަމަށެވެ.

''މިފަހަރު މި ފްލެޓްތައް އަތުލާފަ އަލުން މިދިނީ ރައްޔިތުންގެ މަޖިލިސްގައި ތިބި ވަރަށް ގިނަ މެންބަރުންތަކެއް އެކަމަށް ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ވެރިންގެ ނުފޫޒާއި ބާރު ފޯރުވައިގެން، ނިކަމެތި ކަމެއް ރައްޔިތުންނަށް އެހެން ހަދަން ހެޔޮވެސް ނުވާނެ''

ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގައި ފްލެޓް ކޮމިޓީން ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ.

''މި ފްލެޓް ކޮމިޓީން، މިހާރު ފްލެޓް ކޮމިޓީން މިހުރިހާ ކަމެއް މިކުރަނީ ރައީސް ޞާލިހަށް ވެސް ނޭނގި، ރައީސް ޞާލިޙް މިފަދަ ކަމެއް ކުރަށްވާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން، އަޅުގަނޑު ދަންނަ ރައީސް މިފަދަކަމެއް ކުރަށްވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެމަކު އެކަމުގެ ހުތުރު މިއަންނަނީ ރައީސަށް، ޒިންމާ ނަގަން މިޖެހެނީ ރައީސަށް''

ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ''ކޮބާހޭ މަގޭ ފްލެޓް''ގެ ނަމުގައި ކުރިއަށްގެންދާ މުޒާހަރާ މާދަމާ ވެސް ކުރިއަށް ދާނެކަމަށެވެ. ފްލެޓްތައް ނުހައްގުން އަތުލީ ކަމަށާއި، އެކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ނަތީޖާ ވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއް ގޮތުން އޭނާ ވިދާޅުވީ ''މިހާރު ހައްވައްތަގެ ފްލެޓްވެސް އަނބުރާ ލިބިއްޖެ'' ކަމަށެވެ. އަދި މިހާރު ފްލެޓް ކޮމެޓީގެ ރާގާއި އަޑާއި މަޚްރަޖް ވެސް ބަދަލުވެ، ހައްގުވާ ނަމަ އެ ބަޔަކަށް ފްލެޓް ދޭނެ ކަމަށް ބުނަން ފަށައިފިކަމަށް އޭނާ ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އެކިފަހަރު މަތިން ހާމަކުރި ޢަދަދުތަކުން 35 ހާހެއް ފްލެޓް އަޅާނެ ކަމަށް ބުނެފަ ވާކަމަށެވެ. ނަމަވެސް ދެ އެއަހަރު ތެރޭ އެކަމަށް އެދެވޭ މަސައްކަތް ކުރިތަން ނުފެންނަ ކަމަށާއި، މިސަރުކާރުގައި އެކަމުގެ ''ހިތްވަރެއް، ގާބިލުކަމެއް، ކެރުމެއްނެތް'' ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ވަޒީރުންގެ އެ ވިސްނުމާއި، ގާބިލުކަމާއި، ކެރުން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

''ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެބިނެޓްގައި އެމަނިކުފާނަށް އިޚްލާސްތެރި މިނިސްޓަރަކު ނެތްކަން އަޅުގަނޑުމެންނަށް މިފެންނީ، އެމަނިކުފާނު އެނިމާއެކަނި މަސައްކަތްކުރާތަން ފެނިގެން މިދަނީ، އެމަނިކުފާނު އެކަނި މިމަސައްކަތްކޮށްގެން މި ގައުމުނަގާ ކޮޅަކަށް ނުޖެހޭނެ''

ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވަގުތަކީ ސަރުކާރުން އިސްވެ އިދިކޮޅު ފަރާތްތަކަށް ވެސް މަރުޙަބާކިޔައި، މަޝްވަރާ ހޯދައިގެން މިހާލަތުން އަރައިގަންނަން މަސައްކަތް ކުރަންޖެހިފައި އޮތް ވަގުތު ކަމަށެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގެ ވަޒީރުންނާއި އެމަނިކުފާނުގެ ޕާޓީންވެސް އެއްބާރުލުންދޭ ތަނެއް ނުފެންނަ ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ، ރައީސްގެ ޒިންމާތަކާއި ވާޖިބުތައް ފުރިހަމަ ގޮތުގައި އަދާކުރަން އެހީތެރިވާންޖެހޭ ކެބިނެޓާއި، ރައީސް ނިސްބަތްވާ ޕާޓީއާއި، އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި، އެ ޕާޓީގެ ގައުމީ މަޖިލިސް އިން ރައީސް ޞާލިޙަށް އެއްބާރުލުން ނުދީ އެކަނިވެރިކޮށްލާފައި ވަނިކޮށް ފެންނަ ކަމަށެވެ.

އޭނާ ތަކުރާރުކޮށް ވިދާޅުވީ، މ ިސަރުކާރަށް މަސައްކަތް ނުކުރެވިގެން މިއުޅެނީ ވަޒީރުންގެ އިޚްލާސްތެރިކަން ނެތިގެން ކަމަށެވެ. ''ޚާއްޞަކޮށް އަސްލަމް މަސައްކަތް ކުރަމުން ދަނީ ސަރުކާރު ފެއިލް ކޮށްލަން، އެހެންނަމަ ކޮންމެސް ވަރަކަށް ފްލެޓްތައް އެޅޭތަން ނުވަތަ އަޅަން މަސައްކަތްކުރާތަން ފެންނާނެ، ސަޅިބައިސާ، ފޮނިބައިސާ ކަނޑާތަން ފެންނަނީ'' ލަތީފް ވިދާޅުވިއެވެ.