ކޯވިޑް19 އިން ރައްކާތެރިވުމަށް މިހާރު ވެކްސިން ޕްރޮގުރާމުގައި ވެކްސިން ޖެހުމަށްފަހު ދެވޭ ވެކްސިން ކާޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި ދަތުރުކުރާނަމަ މިކާޑު އެކުގައި ގެންދިޔުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޭސީން) އިލްތިމާސްކޮށްފި އެވެ.

އެޗްއީއޭސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކޮންމެ މީހަކަށްވެސް ވެކްސިން ކާޑެއް ޙަވާލުކުރާއިރު ދެވަނަ ޑޯޒް ޖެހުމަށް އަންނައިރު މިކާޑު ގެންނަން ޖެހޭނެކަމަށެވެ.

Ad
rt

ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖަހަން ނިންމާފައިވަނީ، މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހަތަރު ހަފްތާއާއި އަޅާ ބަލާއިރު އަށް ހަފްތާ ފަހުން ދެވަނަ ޑޯޒް ޖުހުމުން އޭގެން ލިބިދޭ ރައްކާތެރިކަން އިތުރުވާކަމަށް ފާހަގަކުރެވޭ ކަަމަށެވެ. ކޯވިޑްގެ ކަންތައްތައް ދަނީ އަބަދުވެސް ބަދަލުވަމުން ކަމަށާއި އެެހެންކަމުން ނިންމުންތައް ނިންމުމުގައި އެންމެ ފަހުގެ ދިރާސާތަކަށް ބަލަމުންދާ ކަމަށާއި އެހެންކަމުން ނިންމުންތައް ދާނީ ދިރާސާތަކާއި އެއްގޮތައް ބަދަލުވަމުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މިރޭގެ ބައްދަލުވުމުގައި އިތުރަށް ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރެއްވި ފަރާތްތަކުން ވެކްސިން ޖެހި ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ހުއްޓާނުލާ މިހާރު ހުރި ވެކްސިންގެ ސްޓޮކް ހުސްވަންދެން ވެކްސިން ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މިފަރާތްތަކަށް ވެކްސިން ދިނުމަށްފަހު ދެވަނަ ޑޯޒް ދޭންޖެހޭ މުއްދަތު އަންނަވާއިރު ދެވަނަ ޑޯޒްއަށް ބޭނުންވާ ވެކްސިން ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ސަރުކާރުންވަނީ މިހާރު ކޮވިޝީލްޑް ވެކްސިން ގަތުމަށް ސީދާ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުންޏާއެކު ސަރުކާރުންވަނީ އެއްބަސްވެފައެވެ. މިވެކްސިން ދެމަހެއްހާދުވަހުގެ ތެރޭގައި މިވެކްސިން ލިބޭނެ ކަމަށް ސަރުކަރުން ވިދާޅުވެއެވެ.

ރާއްޖޭގައި ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ޖަހަން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަވަށްޓެރި އިންޑިއާގެ އެހީގައި ރާއްޖެ އަށް ވަނީ 100،000 ޑޯޒްގެ ވެކްސިން ލިބިފައެވެ.

ރާއްޖެއިން މިއަދުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެގޮތުން މިއަދު ވެސް 6،171 މީހުން ވަނީ ކޮވިޑް ވެކްސިން ޖަހައިފައެވެ. މާލެ ސަރަހައްދުން 4،310 މީހުން ވެކްސިން ޖެހިއިރު 1،861 މީހުން ވަނީ ރަށްރަށުން ވެކްސިން ޖަހައިފައެވެ. މިއާއެކު މުޅި ރާއްޖެއިން މިހާތަނަށް 56،218 މީހުން ވަނީ ވެކްސިން ޖަހައިފައެވެ.