ކޯވިޑް-19 ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަންފަށާފައިވާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ އެންމެ ފުރަތަމަ ޑޯޒް ޖަހާތާ 56 ދުވަސް ފަހުން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެޗްއީއޭސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ދެވަނަ ޑޯޒް އަށް ހަފްތާ ފަހުން ޖަހަން ނިންމާފައިވަނީ، މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށެވެ.

Ad
rt

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ހަތަރު ހަފްތާއާއި އަޅާ ބަލާއިރު އަށް ހަފްތާ ފަހުން ދެވަނަ ޑޯޒް ޖުހުމުން އޭގެން ލިބިދޭ ރައްކާތެރިކަން އިތުރުވާކަމަށް ފާހަގަކުރެވޭ ކަަމަށެވެ. ކޯވިޑްގެ ކަންތައްތައް ދަނީ އަބަދުވެސް ބަދަލުވަމުން ކަމަށާއި އެެހެންކަމުން ނިންމުންތައް ނިންމުމުގައި އެންމެ ފަހުގެ ދިރާސާތަކަށް ބަލަމުންދާ ކަމަށާއި އެހެންކަމުން ނިންމުންތައް ދާނީ ދިރާސާތަކާއި އެއްގޮތައް ބަދަލުވަމުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެކްސިން ޖެހުމަށްފަހު ދޭ ކާޑަކީ ފަހުން ބޭނުންވާނެ އެއްޗެއް ކަމަށްވާތީ އެ ކާޑު ރައްކާތެރިކަމާއިއެކު ބޭއްވުމަށް އެޗްއީއޯސީން ވަނީ އެދިފައެވެ.

ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ވެކްސިން ދޭން ފަށާފައިވާއިރު މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެކްސިން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވެކްސިންދޭން ފެށިފަހުން މިހާތަނަށް 50 ހާހަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު ފުރަތަމަ މިވެކްސިން ދިން މީހުންނަށް 8 ހަފްތާ ހަމަވެ ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނީ އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެންނެވެ.