ރާއްޖޭގައި އެއްގަމު ޓްރެފިކް ޕޮލިހުން ތިބޭ އުސޫލުން ކަނޑުމަތީގެ ޓްރެފިކް ޕޮލިހުން ވެސް ތަޢާރަފްކުރަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.
ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ''ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް ހުށަހަޅާފައިވާ ޤަރާރު'' ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްއަށް ވާހަކަ ދައްކަވަމުންނެވެ.
ރާއީގެ ވާހަކާގައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީންނާއި އެކި މިނިސްޓްރީތަކުން ގަވާއިދުތަކާއި އުސޫލުތަކެއް ހަދާފައި ހުރިކަން ފާހަގަކޮށް، މުހިންމު ކަމަކީ އެ ގަވާއިދުތަކާއި އުސޫލުތައް ހުރުން ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި މުހިންމީ އެކަންކަން ތަންފީޛުކޮށް ރަނގަޅަށް މޮނިޓަރކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
''އެކަން އަޅުގަނޑުމެންނަށް ނުކުރެވިގެން މި ދަނީ. އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް މިހާރުވެސް ފާހަގަކޮށްލަން ބޭނުންވޭ، މިތާ ހަމަ އިއްޒަތްތެރި މެންބަރަކު ފާހަގަކުރި ގޮތަށް، މިހާރުން މިހާރަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީ އެބަޖެހޭ ރާއްޖޭގައި މިހިރި ފަރުތަކާއި، ގިރިތަކާއި، މި ހުރިހާ އެއްޗެއް؟ ކެޕްޓަނުންގެ ދަފްތަރު އެކުލަވައިލައި، މި މީހުންނަށް މި މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހަދައިދީ، އަދި އެ މީހުން އެ
ކަންތައްތަކަށް އަހުލުވެރިކުރުވަން.''
ރާޢީ ވިދާޅުވިއެވެ.
''މިއަދު ރާއްޖެއަށް އެއްގަމު ޓްރެފިކް ޕޮލިހުން ބޭނުންވާ އުސޫލުން ރާއްޖޭގެ ޒޯންތަކެއް ކަނޑައަޅާފައި، ސީ ޓްރެފިކް ޕޮލިހުން ތަޢާރަފްކުރަން އެބަ ޖެހެއޭ. އަދި އެކަމުގެ ތެރޭގައި އެ ބޭފުޅުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް؟ ޕަމްޕާއި މިކަހަލަ ބޭނުންވާނެ ހުރިހާ ވަސީލަތްތަކާއެކު ޓްރެފިކް ޕޮލިހުން ތަޢާރަފްކުރަންޖެހެނީ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ރިޢާޔަތްކޮށް ޓްރާންސްޕޯޓު މިނިސްޓްރީން އަވަސް ފިޔަވަޅުތަކެއް މިކަމުގައި އަޅާނެ ކަމަށް.''
ރާޢީ އިތުރަށް ވިދާޅުވިއެވެ.
ރާޢީގެ ވާހަކާގައި ވަނީ އިހާ އަޅާބަލާއިރު ރާއްޖޭގެ އެތައް ގިރި،ފަރު، ފަޅުތައް ހިއްކާފައި ވާތީ އެތެރެވަރި އެއްކޮށްހެން ބަދަލުވެފައިވާކަން ފާހަގަ ކުރަށްވާފައެވެ. އަދި އެކަމުގެ ސަބަބުން އޮއިވަރަށް ބަދަލުއައިސް އިހުގެ ނެވީންގެ މިންކުރުންތައް މިހާރު އެއްކޮށްހެން ބަދަލުވެފައިވާކަން އޭނާ ވަނީ ފާހަގަ ކުރަށްވާފަ އެވެ.
އެހެންކަމުން މި ސަބަބުތަކާއެކު އެކަށޭނަ ވަސީލަތްނެތި ކަނޑުދަތުރުފަތުރު ކުރުމުން ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކޮށް، ރައްޔިތުންނަށް ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ މުދަލަށާއި، އިޤްތިޞާދަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން އަލުން ރާއްޖޭގެ ޗާޓްކުރަހައި، ދަތުރުކުރާ އުޅަނދުފަހަރަށް އެ މަޢުލޫމާތު ފޯރުކޮށްދޭން ޖެހިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!