މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލުގެ މައްޗަށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިއަދު ލިބުނުއިރު، އެ މައްސަލަ ހުށަހެޅި ގަރާރުގައި ހުރީ ދޮގާއި އޮޅުވާލުން ކަމަށާއި، މިއަދު ލިބުނު ނޯޓިސް މާދަމާ އަނބުރާ ފޮނުވާލާނެކަމަށް މިނިސްޓަރު މަލީޙް ވިދާޅުވެއްޖެއެވެ.

މިނިސްތަޓަރު މަލީޙް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުންނެވެ. އެމައްސަލަ މަޖިލީހަށް ވެއްދީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެ މައްސަލާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ސޮއިކުރަށްވާފައި ވަނީ 14 މެންބަރެކެވެ.

''ނޯޓިސް ލިބިއްޖެ. ކަމުދާކަށް ނެތް. ގަރާރު ތައްޔާރު ކުރެއްވި މެމްބަރު މަޖިލިސްގެ 14 މެމްބަރަކަށް ވަނީ އޮޅުވާލާފަ. ސުލޫކީ ފިޔަވަޅު އަޅަންޖެހޭ. ޤަރާރު ބާތިލު، ހަމަނުޖެހޭ ދޮގު ވާހަކަ، ނަން ދިމާނުވޭ. ވަރަށްބޮޑު ޤާނޫނީ މައްސަލަތަކެއް. މާދަމާ ނޯޓިސް އަބުރާ ފޮނުވާލާނަން.''

މަލީޙްގެ ޓްވީޓްގައި ވިދާޅުވެފަ ވެއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެއްދީ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހަދާ އޮތް މައްސަލާގައި ކަމަށް ބުނެއެވެ.

އެ ޤަވާއިދުތައް ހެދުން ޤާނޫނީ ގޮތުން މަތިކޮށްފައި އޮންނަނީ މިނިވަން، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށެވެ. އަދި އެ އޮތޯރިޓީން ވަނީ އެ ޤަވާޢިދުތައް ހަދައި، އޭޖީ އޮފީހަށް ވެސް ފޮނުވާފައެވެ. ނަމަވެސް އެ ޤަވާޢިދު ހަދައި، އޭޖީ އޮފީހަށް ފޮނުވާފައި ވަނީ މަލީޙްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ފަހުން ކަމަށް އެ ގްރޫޕްގެ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ ވިދާޅުވެފަ އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއަސް، އެކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވަނީ ރައީސް އޮފީހުގައި ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވިދާޅުވެފަ އެވެ. މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕީޖީން ކުރިން ނިންމީ އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާށެވެ.