ވ.އަތޮޅު ފޮއްތެޔޮ ބޮޑުފުށީގައި މިއަދު ނިޔާވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ ވ.އަތޮޅު އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީ އާއި ގުޅުން ހުރި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީގެ ކުރިން ނޫސްތަކަށް މަޢުލޫމާތުދެމުން ވިދާޅުވީ، ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Ad
rt

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ވ. އަންބަރާ ކައިރިން ދަތުރުކުރަމުންދިޔަ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީއަކަށް، ހާލުގައިޖެހި އޮޔާދާ ޑިންގީއެއްގައި ބިދޭސީ މީހަކު އިންދާ ފެނިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހަވީރު 17:12 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމީހާގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އެއީ ލަންކާ މީހެއްކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނިޔާވެފައި އޮއްވާ ފެނުނީ ވެސް ލަންކާގެ މީހެކެވެ.

އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެމައްސަލަ ތަހުގީގު ކުރައްވަމުން ދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 11:02 ހާއިރު އެވެ.