އިނގިރޭސި ޕްރިމިއަ ލީގުގައި ހޯމަ ދުވަހުގެ ރޭ ޗެލްސީއާއި ނިއުކާސަލް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ޗެލްސީން ކާމިޔާބު ކުރި ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ، މެޗުގެ ކުރީކޮޅު އަނިޔާވެގެން ބަދަލުކުރި އެ ޓީމްގެ ފޯވާޑް އަބްރަހަމްގެ ބަދަލުގައި ކުޅެންނުކުތް އެ ޓީމްގެ ފުރާންސް ފޯވާޑް އޮލިވަ ޖިރޫޑެވެ. މި ލަނޑު ޖިރޫޑް ކާމިޔާބު ކޮށްފައިވަނީ ޓިމޯ ވާނާ ނިއުކާސަލްގެ އޭރިއާގެ ތެރެއަށް ހުރަސްކުރި ބޯޅަ އެ ޓީމްގެ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައި ގެންނެވެ.
މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޓިމޯ ވާނާއެވެ. މި ލަނޑަކީ ފާއިތުވި އަހަރުގެ ނޮވެމްބަރ މަހުގެ ހަތްވަނަ ދުވަހު ޝެފީލްޑް ކޮޅަށް ވާނާ ޖެހި ލަނޑަށް ފަހު ލީގުގައި ވާނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. މި ލަނޑު ވާނާއަށް ކާމިޔާބު ކުރެވިފައި މި ވަނީ ޖެހިޖެހިގެން 14 މެޗު ލަނޑެއް ކާމިޔާބު ނުކުރެވި ދިއުމަށް ފަހުގައެވެ.
ޗެލްސީގެ ކޯޗުކަމާއި ތޯމަސް ޓުޗެލް ހަވާލުވި ފަހުން އަދި އެ ޓީމް ބަލި ވެފައި ނުވެއެވެ. އާ ކޯޗުގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވެގެން ނިމުނު އިރު އަނެއް ހަތަރު މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.
މި މެޗުން މޮޅުވުމާއި އެކު ޗެލްސީވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް 24 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީގެ ފަހަތުން ފަސް ވަނާގައި ވެސްޓްހަމް ވެސް އޮތީ މި އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 23 މެޗުން 53 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީއެވެ. މި މެޗުން ބަލިވި ނިއުކާސަލް މިވަގުތު އޮތީ 24 މެޗުން ލިބުނު 25 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ 17 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!