އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު އާއި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނޭ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް އިދިކޮޅު ކޯލިޝަނުން ވެރިރަށް މާލޭގައި އިޙުތިޖާޖުކުރަން ފެށިނަމަވެސް ފުލުހުންވަނީ އެކިފަހަރު މަތިން އެއެއްވުންތައް ހުއްޓުވާފައެވެ.
އެ އެންގުމާއި ހިލާފަށް ޕީޕީއެމް އޮފީސް ކުރިމަތީގައި އިދިކޮޅުން ރޭ ވެސް އެއްވުމެއް ބޭއްވިއިރު ފުލުހުން ވަނީ އެ އެއްވުން ރަނގަޅަށް ނުފެށިގެން އުޅެނިކޮށް ރޫޅާލާފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެ ކޯލިޝަންގެ ސިލްސިލާ އެއްވުންތަކާއި އިހުތިޖާޖުތަކަކީ ސުލްހަވެރި އިހުތިޖާޖުތަކެއް ކަމަށެވެ. އިހުތިޖާޖުތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަަމަށްވެސް ބުންޏެވެ. މިހާރު ކުރިއަށްދާ އެއްވުންތައް ލީޑު ކުރަނީ މިއަދު ހައްޔަރުކުރި ކުރީގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއްނެތި އިދިކޮޅުން އެއްވުންތައް ބާއްވަމުން އަންނަ އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 209 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 101 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!