ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، ''މިނިމަމްވޭޖް'' ކަނޑައަޅައި، ތަންފީޒުކުރުން އަވަސްކޮށްދިނުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ގޮވައިލައިފިއެވެ.

އެމްޓީޔޫސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2008 ވަނަ އަހަރު ފާސކުރެވުނު ވަޒީފާއާއި ބެހޭ ޤާނޫނުގައި މިނިމަމްވޭޖް ކަނޑައެޅުމަށް ބަޔާންކޮށްފައިވީ ނަމަވެސް މިހާތަނަށް ވެސް އެކަން ތަންފީޒުކުރެވިފައި ނުވުމަކީ އެޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަަމަށެވެ.

Ad
rt

އެ ޖަމިއްޔާއިން ބުނީ ސިޔާސީ ބައެއް މީހުން ހަމައެކަނި ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި މިނިމަމްވޭޖްގެ ވާހަކަ ދައްކާ ކަމަށާއި، ނަމަވެސްް އެކަން މިއަދާއި ހަމައަށް ވެސް ތަންފީޒުވެފައި ނުވާކަން ފާހަގަ ކުރާ ކަމަށެވެ.

''2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި،2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް ވެރިކަންކުރާ މައި ޕާޓީގެ މައިގަނޑު އެއް ވަޢުދަކީ މިނިމަމްވޭޖް ކަނޑައެޅުމެވެ. އަދ މިނިމަމްވޭޖްގެ ގޮތުގައި ކަނޑައެޅޭ ޢަދަދުތަކާއެކު ވަރަށް ތަފްޞީލްކޮށް މި ވައުދު ވެފައި ވުމާއެކު 2019 ވަނަ އަހަރު ސަރުކާރުން މިނިމަމްވޭޖް ބޯޑު އެކުލަވާލިއެވެ. އެގޮތުން ކުރެވުނު ދިރާސާތަކާއި ހޯދުންތަކުގެ އަލީގައި މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ ޢަދަދު ކަނޑައެޅުމަށްޓަކައި ޢަދަދުތަކެއް ކަނޑައެޅި ސަރުކާރަށް2019 ވަނަ އަހަރު ހުށަހަޅާފަ ވެއެވެ. ނަމަވެސް އެ ހުށަހެޅުންތައް ބަލައިގަނެ އެކަމާއިގުޅޭގޮތުން އަމަލީގޮތުން ދިރާސާކޮށް މަޝްވަރާކޮށް މިނިމަމްވޭޖް ކަނޑައެޅިފައި ނުވާކަން ފާގަހަ ކުރަމެވެ.''

އެބަޔާނުގައި އެ ޖަމިއްޔާއިން ބުނެފަ ވެއެވެ.

އެ ޖަމިއްޔާއިން ބުނީ 2020 ވަނަ އަހަރު ވަޒީފާއާއިބެހޭ ޤާނޫނަށް ކުއްލިއަކަށް ގެނެވުނު ހަވަނަ އިސްލާޙާއި ގުޅިގެން އެމަސައްކަތް ލަސްވެ، އަލުން ބޯޑު އެކުލަވާލައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ ޢަދަދު ކަނޑައެޅުން ލަސްވެގެން ގޮސްފައިވާ ކަމަށެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް އެފަހަރު ގެނައި އިސްލާޙާއިއެކު މުޅިން އަލަށް މިނިމަމްވޭޖް ކަނޑައެޅުމަށްޓަކައި އެގާރަ މެންބަރުންގެ އެޑްވައިޒަރީ ބޯޑެއް އެކުލަވާލި ނަމަވެސް މިއަދާއި ހަމައަށް އޭގެތެރެއިން ފަސް މެންބަރެއް އައްޔަނު ކުރެވިފައި ނުވާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާއިން ބުނީ މިނިމަމްވޭޖަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޓުރައިޕަރޓައިމް އުސޫލުން މަޝްވަރާ ކުރެވިގެން ކަނޑައަޅާ ކާމިޔާބު ަކަމާއެކު އިޤްތިޞާދީ، އިޖްތިމާއީ ގޮތުން މަސައްކަތްތެރީންނާއި، ވިޔަފާރިތަކާއި ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނުވާފައިވާ ކާމިޔާބު ސިޔާސަތެއް ކަމަށެވެ.

އެ ބަޔާނުގައި އެޖަމިއްޔާއިން ވަނީ އެ މިނިމަމްވޭޖް ކަނޑައެޅުމަށްޓަކައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ރާއްޖޭގައި ވެސް މިކަން ކަނޑައެޅި މަސައްކަތްތެރީންނަށް މިކަމުގެ މަންފާ ލިބޭނެ މަގަށް މަސައްކަތްކޮށްދިނުމަށް ގޮވައިލާފަ އެވެ.

އެކަން ތަންފީޒުވެގެން ދިޔުމަކީ މަސައްކަތްތެރީންނަށް ނުހަނު ބޭނުންވެފައިވާ ކަމެއްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ މަސައްކަތްތެރީންގެ ހައްޤުތައް ހޯދުމަގައާއި، އަދުލުއިންސާފް ހޯދުމަށް ކުރިއަށްވުރެ މާބޮޑަށް އެކުގައި މަސައްކަތްކުރުމުގައި ދެމިތިބުމަށް މަސައްކަތްތެރީންނަށް ވެސް ގޮވާލާފަ އެވެ.