އިނގިރޭސި ޕްރިމިއަ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ލެސްޓަ ސިޓީ ބައްދަލު ކުރި މެޗުގައި ލިވަޕޫލުން ލަނޑެއް ކާމިޔާބު ކޮށްފައިވަނިކޮށް މެޗުގެ ފަހުކޮޅު ލެސްޓައިން ތިންލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފިއެވެ. ލެސްޓަގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިގެން ގޮސްފައެވެ. މިގޮތުން ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މަނޭ އަދި މުޙައްމަދު ޞަލާހްއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުބަތު ލިބިފައެވެ. ލެސްޓަގެ ފޯވާޑް ވާޑިއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ފުރަތަމަ ހާފުގައި ލިބިގެން ގޮސްފައިވެއެވެ. މިގޮތުން ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ހުސްފުރުޞަތުގައި އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ލިވަޕޫލުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޞަލާހް ކާމިޔާބު ކޮށްފައިވަނީ، އެ ޓީމްގެ ބްރެޒިލް ފޯވާޑް ދިން މޮޅު ޕާހަކުންނެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު ލެސްޓައިން ކުޅުން ރަނގަޅުކުރިތަން ފެނިގެން ދިޔައެވެ. މިގޮތުން އެ ޓީމުން ހަ މިނެޓްގެ ތެރޭ ތިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ވަނީ އަނބުރާލާފައެވެ. ފުރަތަމަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިނގިރޭސި މިޑްފީލްޑަރ ޖޭމްސް މެޑަޝަންއެވެ. އޮފްސައިޑްގައި ހުރި ލެސްޓާގެ ޑެނިއަލް އަމާޓޭ ހަރަކާތް ކުރިކަމަށް ބަލައި ފުރަތަމަ މި ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ނަމަވެސް ފަހުން ވީއޭއާރުން ބެލުމަށްފަހު އެ ކުޅުންތެރިޔާ އޮންސައިޑްގައި ހުރުމުން ރެފްރީވަނީ އެއީ ރަނގަޅު ލަނޑެއްކަމަށް ކަނޑައަޅާފައެވެ. އޭގެ ދެ މިނެޓް ފަހުން ލިވަޕޫލްގެ ކީޕަރ އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާނަގައި ލެސްޓަގެ ފޯވާޑް ވާޑީ ވަނީ ލެސްޓައަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. ލެސްޓައިން ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ 85 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ހެވީ ބާންސްއެވެ.
މިއީ ލިވަޕޫލް ލީގުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. ނިމިގެންދިޔަ ހަފްތާ އާދީއްތަ ދުވަހުގެ ރޭ ސިޓީއަތުން ލިވަޕޫލް ތަފާތު ބޮޑުކޮށް ބަލިވިއިރު، ލިވަޕޫލްވަނީ މި މަހުގެ ހަތަރުވަނަ ދުވަހު އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ވެސް ބަލިވެފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 24 މެޗުން ލިބުނު 46 ޕޮއިންޓާއިއެކު ލެސްޓަވަނީ ޕޮއިންޓް ތާވަލުގެ ދެ ވަނައަށް ޖެހިލާފައެވެ. އެއްވަނާގައި މިވަގުތު އޮތީ 22 މެޗުން ލިބުނު 50 ޕޮއިންޓާއި އެކު މެންޗެސްޓާ ސިޓީއެވެ. ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ 4 ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 24 މެޗުން 40 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!