ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ)ގެ އިތުރުން އަކްރަމް އަބްދުލް ޢަނީ (އަކޫ) އާއި ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާއި ގުޅިގެން، އެކަމަކީ އާދައިގެ ކަމެއްކަމަށް ނުބަލައި، ކަމާއި ގުޅުންހުރި އިދާރާތަކުން އެކަން ތަހުގީގު ކޮށްދެއްވުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގޮވާލައިފިއެވެ.

" ރައްޓެއްސަކު ބުނީ ސީރިއާއަށް ޖިހާދުވާން ދާން ރެޑީވެފައި ތިބިބައެއް ފުޓްބޯޅަ ކުޅޭތަން ބަލަން މިހާރު ދާނެ ހޯ... ޓީމް ބަލިވެއްޖެޔާ ދަނޑުވެސް ގޮށްވާލަފާނެޔޯ...ކާކު ސިޑިބަރީގައި އިންނަން ދާނީ..."

Ad
rt

އިއްޔެގެ ވަގުތެއްގައި ދަގަނޑޭ އަދި އަކޫގެ ފޮޓޯއާންމުކޮށް ސޫޒަން ކޮސްފައިވާ ޕޯސްޓްގައިބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އެފްއޭއެމް އިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ފުޓުބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދުވާން ދިއުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށާއި ބަލިވެއްޖެ ނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ދިވެހި ފުޓުބޯޅަ ކުޅުންތެރިއަކީ ހަނގުރާމަވެރި ނުވަތަ ގާނޫނުތަކާއި ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ ޤަވާއިދުތަކާއި ހިލާފުވާފަދަ އަމަލުތަކާއި ޖަމްއިއްޔާތަކާއި އެއްވެސް މިންވަރަކަށް ގުޅިފައިވާ ބައެއްކަން، އެ އެސޯސިއޭޝަނަށް ފާޙަގަކުރެވިފައި ނުވާކަމަށެވެ.

އަދި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މި ވާހަކަތަކުގެ ސަބަބުން ދިވެހި ފުޓުބޯޅަ އާއިލާއަށާއި ކުޅުންތެރިންނާއި އެކުޅުންތެރިންގެ އާއިލާތަކަށް އަގު ނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވަމުން އަންނަކަކަމަށެވެ. ވުމާއިއެކު އެ ވާހަކަތައް އެސޯސިއޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމް އާއި ފީފާގެ ގަވައިދުތަކަށް ފުރިހަމަ އަށް ތަބާވެ އަމަލު ކުރަމުންދާ ކުޅުންތެރިން ކަމަށެވެ. އަދި އެކުޅުންތެރިންނަކީ ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބައި އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައި ވެސް ނަމޫނާ ކުޅުންތެރިންތަކެއް ކަމަށެވެ. މީގެ އިތުރުން މިއީ ބައިނަލްއަގުވާމީގޮތުން، ދިވެހި ފުޓްބޯޅައަށް ގިނަ ހުރަސްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށާއި އެއީ ގައުމުގައި ވެސް ފިތުނަ އާއި ބިރުވެރިކަން އުފެދިދާނެފަދަ ވާހަކައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދަގަނޑޭ އަދި އަކޫއާއި ގުޅުވައިގެން ސޯޝަލް މީޑިއާފައި ދެއްކި މި ވާހަކަތަކާއި ގުޅިގެން އެ ވާހަކަތައް ކުށްވެރިކޮށް ގިނަބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. މިގޮތުން ކުޅިވަރާއިބެހޭ މިނިސްޓަރ އަޙްމަދު މަހްލޫފު ވެސް ވިދާޅުވެފައިވަނީ ތުނބުޅި އަދި ބުރުގާ އަޅާފައިތިބޭ އެންމެންނަކީ ހައްދުފަހަނައަޅާފައިވާ ބައެއްކަމުގައި ދެކޭ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރި އިތުރަށް ވިދާޅުވެފައިވަނީ އަޝްފާޤް އަދި އަކްރަމްއަކީ ބަތަލުން ކަމަށެވެ. މުޖްތަމަޢުގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުންކަމަށާއި ޚިޔާލު ތަފާތުވިޔަސް އެއްބަޔަކު އަނެއްބަޔަކަށް އިޚުތިރާމް ކޮށްގެން އުޅެން ދަސްކުރަންޖެހޭ ކަމުގައި މަޚްލޫފްވަނީ ވިދާޅުވެފައެވެ.