އިސްލާމްދީނަށް ފާޑުކިޔައި، ފުރައްސާރަ ކުރާނަމަ ދިވެހިންގެ ލޭ ކެކޭނެ ކަމަށާއި، ދީނާ ނުކުޅުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން އެދިވަޑައިގެންފިއެވެ.
ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ސެއިޚް ވިދާޅުވީ ފިރިހެނުން ތުނބުޅި ބެހެއްޓުމާއި އަދި އަންހެނުން ބުރުގާ އެޅުމަކީ ދީނީ ކަމެއްކަމަށެވެ. އަދި ދީނުގެ ހުކުމްތަކަށް ފާޑުކިޔައި، ފުރައްސާރަ ކުރާނަމަ ދިވެހިން ލޭ ކެކޭނެ ކަމަށް ސެއިޚް ވިދާޅުވިއެވެ.
''ފިރިހެނުން ތުނބުޅި ބެހެއްޓުމާއި އަދި އަންހެނުން ބުރުގާ އެޅުމަކީ ދީނީ ކަމެއް، ދީނުގެ ހުކުމްތަކަށް ފާޑުކިޔައި، ފުރައްސާރަ ކުރާނަމަ ދިވެހިން ލޭ ކެކޭނެ، ދީނާ ނުކުޅޭ''
ސެއިޚް އިބްރާޙީމް ރަޝީދު ވިދާޅުވިއެވެ.
ސެއިޚް މިމޭރުމުން ވިދާޅުވެފައި މިވަނީ ފުޓްބޯޅަ ލެޖެންޑު އަލީ އަޝްފާގާއި އަކްރަމް އަބްދުލްޣަނީ އާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި މީހަކު އިއްޔެ ދެއްކި ވާހަކަތަކަކާއި ގުޅިގެން ގިނަ ބަޔަކު ރުޅިގަދަވެ، މީސް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށެވެ.
އަޝްފާގާއި އަކްރަމްގެ ފޮޓޯ އެއް އާންމުކޮށް ސޯޝަލް މީޑިއާގައި އިއްޔެ މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެ ދެކުޅުންތެރިންނަކީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވާ ދެ ކުޅުންތެރިން ކަމަށާއި މެޗުން ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އެ ޕޯސްޓު ކުރި މީހާ ގާތު އޭނާގެ ރައްޓެއްސަކު ބުނި ކަމަށެވެ.
އެކަން ކުއްވެރިކޮށް، އެމައްސަލަ ބަލައިދޭން ގޮވައިލާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަޔާނެއް ވެސް އާންމުކޮށްފައިވާއިރު، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވެސް ވަނީ ތުނބުޅިބަހައްޓައިގެން އުޅޭ މީހުންނާއި، ބުރުގާ އަޅައިގެން އުޅޭ މީހުންނާއި މެދު ދެކޭގޮތް ބަދަލުކޮށް ޚިޔާލު ތަފާތުވިޔަސް އެއްބަޔަކު އަނެއް ބަޔަކަށް އިޚްތިރާމްކޮށްގެން އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!