ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެ، އެބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 58 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ 59 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެމީހާއަކީ ރޭ މެންދަމު 3:17 ހާއިރު، ހަރަކާތް ހުއްޓިގެން އައިޖީއެމްއެޗުގެ އެމެޖެންސީއަށް ގެންދިޔަ މީހެއް ކަމަށެވެ. އަދި އެމީހާ ނިޔާވީ ރޭ 3:46 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ.
މީގެ އިތުރުން ކޯވިޑް ބަލީގައި އިތުރު މީހެއް ވެސް ވަނީ ރޭ ނިޔާވެފައެވެ. އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ރޭ 78 އަހަރުގެ އަންހެނަކު ހާލަތު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވަނީ ނިޔާވެފައެވެ. އަދި އޭނާގެ ކޯވިޑަށް ޓެސްޓްކުރި އިރު ޕޮޒިޓިވް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ 17،507 އަށް އަރާފައިވާ އިރު މިވަގުތު 2،302 މީހަކަށް ދަނީ ބައްޔަށް ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 206 މީހުން ތިބީ ހޮސްޕިޓަލުގަ އެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ 58 އަށް އަރާފައިވާ އިރު 15،142 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ އިންޒާރު އިއްޔެ ވެސް ވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދީފައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައި މިވަނީ މިހާތަނަށް ރާއްޖެއަށް އައި ކޯވިޑުގެ އެންމެ ބިޔަ އެންމެ ނުރައްކާތެރި ރާޅާ ކަމަށެވެ.
އެގޮތުން ކޯވިޑު ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުން ވެސް ގިނަވެފައިވާ ކަމަށެވެ. އަދި ހެލްތު ނިޒާމަށް ވެސް މިހާރު ބުރަބޮޑުވެފައިވާ ކަމަށާއި ބަލި މީހުންނަށް ފަރުވާދޭން ހުރި އެނދުތައް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި މާލޭގައި މިވަގުތު ހުހަށް ހުރީ ކޯވިޑަށް ހާއްސަ 37 އެނދު ކަމަށް ވެސް ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!