ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިންގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގައި އިއްޔެކުރި އިހުތިޖާޖުގައި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބައިވެރިވެ ވަޑައިގަންނަވާފައިވާއިރު، އިއްޔެއަކީ ފެށުމެއް ކަމަށް މޮސްޓާ ވިދާޅުވިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މޮސްޓާއަކީ މިނިވަން މެންބަރެއް ގޮތުގައި މަޖިލިސްއަށް އިންޚާބުވެ ވަޑައިގަތް، އަދި މިހާރުވެސް މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި މެންބަރެކެވެ. އޭނާ ގެންދަވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށާއި، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ޝިޔާމް މިހެން ވިދާޅުވީ އިއްޔެ އިހުތިޖާޖުގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ފުލުހުން ބޭނުންކުރި ޕެޕަސްޕްރޭގެ އަސަރު މޮސްޓާއަށް ކުރުމުން ލަކްނޯ ކިރުޕެކެޓެއް އޭނާގެ ލޮލާއި، މޫނަށް އަޅާ މަންޒަރު ފެންނަ ފޮޓޯއެއް ޓްވީޓް ކުރަށްވަމުންނެވެ.
''މިއަދުގެ ސުލްހަވެރި މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވި އަޅުގަނޑުގެ އަޚް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މޮސްޓާގެ ލޮލަށް ވަރަށް ގާތުން ވަނީ ހެޔޮވަރު ވަރަކަށް ޕެޕަސްޕްރޭ ޖަހާފައި، ވިދާޅުވީ މި ފެށުނީ ކަމަށް''
ޝިޔާމް ވިދާޅުވިއެވެ.
"ކޮބާ މަގޭ ފްލެޓު" ގެ ނަމުގައި އިދިކޮޅުން އިއްޔެ މާލޭގައި ކުރި އިހުތިޖާޖުގައި އެ ކޯލިޝަންގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ވަނީ ބައިވެރިވެ ޝުއޫރު ފާޅުކޮށްފަ އެވެ.
އިއްޔެގެ އިހުތިޖާޖުގެ ބައިވެރިން ގޮވައިލީ މައިގަނޑު ދެކަމަކަށެވެ. އެއީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރ ރައީސް ޔާމީން މިނިވަން ކުރުމަށާއި، ހިޔާ ފްލެޓްތައް ހައްގުވެރިންނަށް އިންސާފް ވެރިކަމާއެކު ދިނުމަށެވެ. އެ މުޒާހަރާގެ ބައިވެރިންތެރެއިން ''ފްލެޓްތައް ފޭރިގަނެފައިވާ'' ކަމަށް ގޮވާ އަޑުވެސް އިވެއެވެ.
އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުންދާއިރު، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުރައް ވަރުގަދަކޮށް ގްރޭޓަރ މާލެ ސަރައްދުގައި ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން ރެއިން ފެށިގެން ވަނީ މަނާ ކޮށްފައިވާއިރު، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ)ގައި 10 މީހުންނަށް ވުރެ ގިނައިން އެއްވެއުޅުން ހުއްޓައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ އަންގާފަ އެވެ.
މި ދުވަސްވަރަކީ ކޯވިޑްގެ ކޭސްތައް ބޮޑުތަނުން މައްޗަށް ގޮސްފައިވާ ދުވަސް ވަރެއް ކަމަށްވާއިރު، ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން އަލަށް 120 މީހުންނަށް ވަނީ ކޯވިޑް ބަލި ޖެހިފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން އެ ބަށްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 17،507 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!