ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށާއި، އުސޫލުތަކަށް އިދިކޮޅު ކޯލިޝަނުން ބޯނުލަނބައި އުޅެމުން ދަނީ ބޭނުން ގޮތަކަށް ކަމަށާއި، އިދިކޮޅަށް ފިޔަވަޅުނާޅާ މަނާ ގަޑީގައި ސައިކަލް ދުއްވާ އާންމު މީހާ ޖޫރިމަނާ ކުރަނީ އާންމުންނަށް ޖެއްސުންކޮށް، ރުޅި އަރުވަންތޯ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކުހެން ޕޮޒިޓިވްވާ މީހުންގެ އަދަދުސަތޭކައިން މަތީގައި ގުނެމުންދާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެރިރަށް މާލޭގައި މިއަދު ވެސް ވަނީ ގިނަ ބަޔަކާއެކު މުޒާހަރާކޮށްފަ އެވެ.

Ad
rt

އެ މުޒާހަރާތަކަށް އިޝާރާތްކުރަށްވާ ނިހާދު ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ އަމަލު ހުރިގޮތުން ބަލާއިރު ދޫދީގެން ތިބިކަން ފާހަގަ ކުރެވޭ ކަމަށެވެ.

''އެޗްޕީއޭގެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ޕީޕީއެމުން އެބަ ކުރެވޭ، އެޗްޕީއޭގެ އެންގުންތަކަށް ތަބާވެ ސައިކަލް ނުދުއްވި ތިބެންވީ ވަކި ބައެއްތަ؟ އާންމުން ފައިން ކުރަނީވެސް ޖެއްސުމަށް ރުޅިއަރުވަން ދެއްތޯ؟''

ނިހާދު ސުވާލު ކުރެއްވިއެވެ.

އިދިކޮޅުގެ އަމަލުތަކާއިމެދު ނިހާދު ކަންބޮޑުވުން ފާޅުކުރިއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ އިންޒާރު މިއަދު ވެސް ވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދީފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން އަލަށް 120 މީހުންނަށް ކޯވިޑް ބަލި ޖެހިފައިވާއިރު، މިހާތަނަށް ރާއްޖެއިން އެ ބަށްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 17،507 އަށް އަރާފައެވެ.

ބުރާސްފަތި ދުވަހު (އިއްޔެ)ގެ އިރުއޮއްސި 6:00 އިން ފެށިގެން ހުކުރު ދުވަހު (މިއަދު)ގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖޭގައި ކޯވިޑް-19 ބަލިން ރަނގަޅުވެފައިވަނީ 61 މީހުންނެވެ. މިއާއެކު އެ ބަށްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15،142 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2302 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދަކީ 206 އެވެ. ރާއްޖެއިން މިހާތަނަށް 56 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި، 8 ބިދޭސީންނެވެ.