ާމާލެ ސަރަޙައްދުގައި 10 މީހުންނަށް ވުރެ ގިނައިން އެއްވެއުޅުން ހުއްޓައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު ސޮއިކޮށް މިރޭ ނެރުނު އެނގުމުގައި ބުނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލްއޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން މާދަމާއިން ފެށިގެން މާލެ ސަރައްދު ހިމެނޭ، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި އެއްފަހަރާ 10 (ދިހައެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ.
ނަމަވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވިދާނެ ކަމަށް ވެސް އެންގުމުގައިވެއެވެ. އަދި އެ ފިޔަވަޅު ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަވިސް އާއި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވެސް އެންގުމުގައިވެއެވެ.
އެ އެންގުމުގައިވާ ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމަ އަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އަދި، އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނެރުއްވި އެންގުމުގައިވެއެވެ.
އެޗްޕީއޭ އިން މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެޔަކާއި ހަފްތާ ބަންދުގައި މާލޭގައި އެއްވުންތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. މި އެއްވުންތައް އިދިކޮޅުން ބާއްވަމުން ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއްނެތިއެވެ.
މިފަދަ އެއްވުންތައް ބާއްވަމުން އަންނަ އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް ރާއްޖެއިން 120 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 99 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.
ކޮވިޑް ކޭސްތައް އިތުރުވެފައިވާއިރު، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00އަށް މާލެ ސަރައްހަދުގައި އެއްގަމު ދަތުރުފަތުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ.
މިއަދު ރާއްޖެއިން 120 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 99 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރައްހަދުންނެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ 2،302 މީހަކު ހިމެނޭ އިރު، އޭގެ ތެރެއިން 206 މީހަކަށް ފަރުވާ ދެމުންދަނީ އެޑްމިޓްކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!