ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާލަތު ރަނގަޅުވަންދެން ގޭގައި މަޑުކޮށް ދިނުމަށް އިދިކޮޅު ސިޔާސީ ހަރަކާތް، ޕްރޮގްރެސިވް ކޯލިސަންގެ ކިބައިން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް އެދިވަޑައިގެންފިއެވެ.
ޔާސިރު މިހެން ވިދާޅުވީ، ރާއްޖެއަށް ކޯވިޑްގެ ތިންވަނަ ރާޅު ބިންދާލައި، ބަލީގެ ހާލަތު ގޯސްވެފައި ވަނިކޮށް، މިއަދު ވެސް އިދިކޮޅު ކޯލިޝަނުން ގިނަ ޢަދަދެއްގެ ބަޔަކާއެކު ވެރިރަށް މާލޭގެ މަގުތަކުގައި މުޒާހަރާ ކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
އިދިކޮޅު ވަގުތީ ލީޑަރު ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲއާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ހިމެނޭހެން އިދިކޮޅު ސަޕޯޓަރުން މިއަދުގެ މުޒާހަރާގައި ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައި ޔާސިރު ވިދާޅުވީ، ކުރިން ކަކުލަށް ތަދުވެގެން ދާންޖެހުނީ ފުލުސް އޮފީހަށް ކަމަށެވެ.
''މިއަދު އަނެއްކާ ބަލި އެންމެބޮޑުވީ ތި ދުއްވައިގަތީ ރައްޔިތުން ނުރައްކަލަށް ލަމުން، މިފަހަރު އެންމެން ހަސްފަތާލަށް ނޫންކަމެއް ނޭނގޭ، އިހަށް ގޭގަ މަޑުކޮށްލަ ދެއްވާ، ސިއްހަތު ސަލާމަތުން ތިބެގެންތާ މުޒާހަރާވާ ކުރެވޭނީ، ކުޅަދާނަވީ ވަރަކަށް''
ޔާސިރު ވިދާޅުވިއެވެ.
ކުރިން ކަކުލަށް ތަދުވެގެން ދާންޖެހުނީ ޕޮލިހަށް، މިއަދު އަނެއްކާ ބަލި އެންމެބޮޑުވީ ތިދުއްވައިގަތީ ރައްޔިތުން ނުރައްކަލަށް ލަމުން، މިފަހަރު އެންމެން ހަސްފަތާލަށް ނޫންކަމެއް ނޭނގޭ، އިހަށް ގޭގަ މަޑުކޮށްލަ ދެއްވާ، ސިއްހަތު ސަލާމަތުން ތިބެގެންތާ މުޒާހަރާވާ ކުރެވޭނީ، ކުޅަދާނަވީ ވަރަކަށް pic.twitter.com/5MfeWpharb
— Yasir Abdul Latheef (@YasirLathyf) February 12, 2021
ކޯވިޑް ބަލީގެ ހާލަތު ރަނގަޅުވަންދެން ގޭގައި މަޑުކޮށް ދިނުމަށް އިދިކޮޅުގެ ކިބައިން ޔާސިރު އެދިވަޑައިގެންފައިވާއިރު، ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ އިންޒާރު މިއަދު ވެސް ވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދީފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައި މިވަނީ މިހާތަނަށް ރާއްޖެއަށް އައި ކޮވިޑުގެ އެންމެ ބިޔަ އެންމެ ނުރައްކާތެރި ރާޅާ ކަމަށެވެ. އެގޮތުން ކޮވިޑު ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުން ވެސް ގިނަވެފައިވާ ކަމަށެވެ. އެގޮތުން ހެލްތު ނިޒާމަށް ވެސް މިހާރު ބުރަބޮޑުވެފައިވާ ކަމަށާއި ބަލި މީހުންނަށް ފަރުވާދޭން ހުރި އެނދުތައް ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި މާލޭގައި މިވަގުތު ހުހަށް ހުރީ ކޯވިޑަށް ހާއްސަ 37 އެނދު ކަމަށް ވެސް ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ ޢަދަދު ވޭތުވި ދެ ހަފުތާއެއްގައި 100 އިންމަތީގައި ހިފެހެއްޓިފައި ހުރިއިރު، ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން އަލަށް 120 މީހުން ވަނީ ކޯވިޑް-19 ޕޮޒިޓިވްވެފައެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 17،507 އަށް އަރާފައެވެ. ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ކޯވިޑް-19 ބަލިން ރަނގަޅުވެފައިވަނީ 61 މީހުންނެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15،142 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2302 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދަކީ 206 އެވެ. ރާއްޖެއިން މިހާތަނަށް 56 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި، 8 ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!