މެކްސިކޯގެ ޓިގްރެސް ބަލިކޮށް ކުލަބް ވޯލްޑް ކަޕްގެ ތަށި ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފިއެވެ. ގަތަރުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލްމެޗު ބަޔާނުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ކުލަބް ވޯލްޑްކަޕް ފާއިތުވި އަށް އަހަރު ވެސް ކާމިޔާބު ކޮށްފައިވަނީ ޔޫރަޕްގެ ޓީމް ތަކުންނެވެ.
މި މުބާރާތް ކާމިޔާބު ކުރުމާއި ގުޅިގެން ބަޔާންވެފައިވަނީ އެއް ސީޒަންގައި އެއް ކުލަބަށް ކާމިޔާބު ކުރެވެން އޮންނަ ހަ ތަށި ހޯދި ދެވަނަ ކުލަބަށެވެ. މިގޮތުން ބަޔާނުންވަނީ ޔޫއެފާ ޗެމްޕިއަންސް ލީގް، ބުންޑެސް ލިގާ، ޖަރުމަންގެ ކަޕް، ޖަރުމަން ސުޕަ ކަޕް އަދި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން ކުލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. 2009 ވަނަ އަހަރު ބާސެލޯނާއިން ވެސް ވަނީ ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ހަ މުބާރާތް ކާމިޔާބު ކޮށްފައެވެ. މި މުބާރާތް ބަޔާން ކާމިޔާބު ކުރުމާއި ގުޅިގެން ކުރީގެ ބަޔާންއަށް ވެސް ކޯޗުކޮށްދީފައިވާ ގާޑިއޯލާ ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް ބަޔާންއަށް މަރުހަބާ ކިޔާފައެވެ.
ބަޔާންގެ މިހާރުގެ ކޯޗް ހެންސީ ފްލިކް އެ ޓީމާއި ހަވާލުވީ ފަހުން ބަޔާނުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އޭނާގެ ކޯޗުކަމުގެ ދަށުން ބަޔާން މިއުނިކް މިހާތަނަށް ކުޅުނު 68 މެޗުގެ ތެރެއިން 58 މެޗު ވަނީ ކާމިޔާބު ކޮށްފައެވެ.
މެކްސިކޯގެ ޓިގްރެސް ވެގެން ގޮސްފައިވަނީ މި މުބާރާތުގެ ފައިނަލްގައި ވާދަކުރި އުތުރު ނުވަތަ މެދުތެރޭ އެމެރިކާގެ ފުރަތަމަ ޓީމަށެވެ. މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ މިސްރުގެ އަލް އަހްލީއެވެ. އަލް އަހްލީ އަދި ދެކުނު އެމެރިކާގެ ޗެމްޕިއަން ޕަލްމެއިރަސް ބައްދަލުކުރި ތިވްނަނަ ހޮވާ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. އަހްލީ ތިންވަނަ ހޯދާފައިވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
މި މުބާރާތުގެ ފައިނަލް މެޗަށް ބަޔާނުން ގަތަރަށް ދަތުރު ކޮށްފައިވަނީ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. ކޯވިޑްއަށް ޕޮއޒިޓިވް ވުމުގެ ސަބަބުން އެ ޓީމްގެ ތޯމަސް މުލާ ޓީމާއި އެކު ދަތުރު ކޮށްފައިނުވާއިރު އަމިއްލަ ސަބަބުތަކަކާއި ގުޅިގެން އެ ޓީމްގެ ޑިފެންޑަރ ބޯޓެންގ ވެސް މި ދަތުރުގައި ބައިވެރިވެފައިނުވެއެވެ.
ބަޔާނުން މަޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސް ޑިފެންޑަރ ޕަވާޑްއެވެ.
މިއީ ބަޔާނުން މި މުބާރާތް ކާމިޔާބުކުރި ދެވަނ ފަހަރެވެ. ބަޔާނުން ވަނީ 2013 ވަނަ އަހަރު ވެސް މި މުބާރާތް ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!