ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އިން އެ ހޮޓެލްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅެ، އަމަލު ކުރަމުން ދަނީ އިހާނެތިކޮށް ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ ހައްގުގައި މަސައްކަތްކޮށް ވަކާލާތުކުރާ ޖަމިއްޔާ، ޓީމްއިން ބުނީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ހުޅުލޭ އައިލެންޑު ހޮޓަލުން ކޯވިޑާއި ގުޅިގެން އެތަށްމުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

Ad
rt

އޭގެއިތުރުން އެ ހޮޓެލްގެ 60 އިންސައްތައަށް ވުރެ ގިނަ މުވައްޒަފުން ތިބީ ނޯޕޭ ލީވްގައި ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އެޖަމިއްޔާއިން ބުނީ މިދިޔަ އަހަރުގެ ނޮވެންބަރުގައި އެ ހޮޓާ އަލުން ހުޅުވިނަމަވެސް، މިހާރު ވެސް އެ ހޮޓާ ހިންގަމުން ދަނީ 50 އިންސައްތައަށް ވުރެއް މަތީ އޮކިޔުޕެންސީގައި ކަމަށެވެ.

"މިހާބައިވަރު ދިވެހިން ނޯޕޭގައި ބައިތިއްބާފައި މިހާރުވެސް އަލަށް ވަޒީފާއަށް ނަގަމުން ދަނީ ބޭރު މީހުން، އަދި މަސައްކަތަށް ނެރެގެން އުޅޭ މަދު ކުދިން ލައްވައި 14 ގަނޑިއިރު އޯޓީ ނުދީ މަސައްކަތް ކުރުވަނީ! ދެރައީ މިކަމުގެ އަޑީގައިވެސް ތިބީ ހަމަ ދިވެހިން"

އެ ޖަމިއްޔާއިން ބުނެފަ ވެެއެވެ.

އެ ޖަމިއްޔާއިން ބުނީ ކަންކަން އެމަގުން ހުރި ނަމަވެސް އެކަމުގައި ސަރުކާރަށް ވެސް ކޮށްދެވޭނެ އެއްވެސް ކަމެއްނެތް ކަމަށް ބުނާކަމަށެވެ.

"އަދުލް އިންސާފު ނެތި ހިނގައްޖެ! ހަދާނެގޮތް ހުސްވެއްޖެ!"

ޓީމް އިން ބުނެފަ ވެއެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުން އެ ހޮޓެލްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ތަފާތުކުރާކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެ، ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކޯވިޑްގެ ސަބަބުން އިނދަޖެހުނު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން އަލުން ހިންދެމިލުމުގެ އުފާވެރިކަން ދަނީ ނަންބަރު ތަކުން ފެންނަމުންނެވެ.

މިގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 99،397 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެ ޢަދަދަށް ބަލާއިރު ދުވާލެއްގެ މައްޗަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މިހާރު އުޅެނީ 2923 ގައެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ގެ ނިޔަލަށް ރާއްޖެގައި ފަތުރުވެރިންނަށް ޚިދުމަތްދޭ 624 ތަނެއް ހުޅުވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ، 145 ރިސޯޓާއި، 11 ހޮޓެލްއާއި، 135 ސަފާރީގެ އިތުރުން 333 ގެސްޓްހައުސްއެވެ. މިއީ 43،656 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީ އެންމެ ގިނައީ ރިސޯޓްތަކުގައެވެ. އެގޮތުން ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީއަކީ 33،372 އެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީމަހު ރާއްޖެ ޒިޔާރަތްކުރި 92،103 ފަތުރުވެރިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވަނީ 0.08 އިންސައްތަ ފަތުރުވެރިންނެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.