މިމަހުގެ ނުވަ ވަނަ ދުވަހުގެރޭ ބައެއް މީޑިއާތަކުން ތިލަކޮށްލި ޚަބަރަކީ ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރިކަމުގެ ޚަބަރެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެގެން، އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާޠިލުކުރުމަށް 9 ފެބްރުވަރީ 2021 ވަނީ އަމުރެއް ނެރެފައެވެ. އޭނާ ފުރީ އެއަށް ފަހުއެވެ.

Ad
rt

އަލީ ވަހީދު ފުރިވަގުތު ''އިއްތިފާގަކުން'' ދިމާވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލިސްގައި ފެށުނު ދުވަސްވަރާއެވެ. އެ ގަރާރުގެ ބަހުސް 8 ފެބްރުއަރީގައި ފެށުމުން، މުޅި މީސް މީޑިއާއޮތީ އެ ގަރާރުގެ ތެރެއަށް ގެނބިފައެވެ. އެ ގަރާރުގެ ބަހުސް ޖެހިގެންއައި ދެ ދުވަހުވެސް މަޖިލީހުގައި ކުރިއަށް ދިޔައެވެ. އަލީ ވަހީދު ފުރީ ބަހުސްގެ މެދަށް ދިމާވި ދުވަހުއެވެ.

އަލީ ވަހީދުގެ ފުރުމާއި މަޖިލިސްގައި ކުރިއަށްދިޔަ މިޔުޒިކްކުޅެ، އުފާކޮށް ވަގުތު ހޭދަކޮށްލާނޭ މަރުކަޒެއް ވެރިރަށް މާލޭގައި ގާއިމު ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރާއި ގުޅުވައިގެން މީސް މީޑިއާގެ އަޑުތައް ހުރީ އެ ގަރާރަކީ ''އަލީ ވަހީދު ފުރުވާލުމަށް ސަމާލުކަން އަނބުރާލުމުގެ ގަރާރެއް'' ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ ގަރާރަކީ ''ފްލެޓް ލިސްޓުން ކިޔާފާނެ އަޑުތައް މަޑުކުރުމުގެ ގަރާރެއް'' ކަމަށެވެ. އަނެއްބަޔަކު މަޖިލީހަށް ފެބްރުއަރީ 10 ވަނަ ދުވަހު ވެއްދި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލައާއި ވެސް އެ ގަރާރާއި ދަނީ ގުޅުވަމުންނެވެ.

ކޮންމެއަކަސް މާއްދާ ހަތާވީސް، ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން'' (މާއްދާ 27:އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަންމެ މީހަކަށްމެ ލިބިގެންވެއެވެ.) '' މާއްދާގެ ދަށުން، ޚިޔާލު ފާޅުކުރުން މީސް މީޑިއާގައި ކެކި އުތުރުއަރަނީއެވެ.

މިހިސާބުން ނަޒަރު ހުއްޓުނީ ސަރުކާރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި، ސަރުކާރުގެ އިސް މަގާމުތަކެއް އަދާ ކުރެއްވި މުހައްމަދު މުއިޒް އަދުނާނު ޓުވީޓާއަށް ދޫކޮށްލެއްވި މެސެޖަަކަށެވެ.

''މިޔުޒިކުގެ މަސްތީ ކަނޑަކަށް ޣަރަޤު ކުރުވާފައި ބޫންލާފައި އެދިޔައީ''

މުއިއްޒު ވިދާޅުވެފަ ވެއެވެ.

އަލީ ވަހީދު ފުރުމުގެ ކަންބޮޑުވުން އެކި ގިންތީން ހާމަކުރަމުން އެބަދެއެވެ. މަޖިލިސްގައި ތިއްބެވި އަންހެން މެންބަރުން ވެސް އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގައި އިއްޔެ ވަނީ އެދިފައެވެ.

އަނެއްކޮޅުން އަލީ ވަހީދަކީ ތަހުގީގާއި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ކުރިން ވެސް ފިލާފައި ހުރި މީހަކަށް ވާތީ ޕާސްޕޯޓް ދޫކޮށްފި ނަމަ އޭނާ އެނބުރި އައުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ދައުލަތުން ބުނެފައިވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ނެރުނު ބަޔާނެއްގައި އިއްޔެ ބުންޏެވެ. އަދި ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި، އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކޮށްފައި ވަނީ އެ ބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އަލީ ވަހީދުގެ ފުރުމަށް އިޝާރާތް ކުރަށްވާ މިހާރުގެ ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވެސް ވަނި ކަންބޮޑުވުން ފާޅު ކުރަށްވާފަ އެވެ.

''ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންޞާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ، ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ޤާއިމުކުރުން.''

ޖެންޑާ މިނިސްޓަރު ވިދާޅުވެފަ ވެއެވެ.

މި ކަމާއިގުޅިގެން ކުރީގެ މިނިސްޓަރު އަދި ރައްޔިތުން މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަނީސާ އަޙްމަދު ކަންބޮޑުވުން ފާޅުކުރަށްވަމުން ވިދާޅުވީ، މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމު ގެތުހުމަތުގައި ދަޢުވާ އުފުލާފައި ވަނިކޮށް އެމީހާއަށް ކުރިން ޙިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަ ދިނުމަކީ މިބާވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށެވެ. އަދި ރިޕޯޓުކުރުމަށް ފަސްޖެހެނީ ވެސް މުއަައްސަސާތަކުން ސީރިއަސްކޮށް ނުނަގާތީ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އަލީ ވަހީދު ފުރުމާއި ގުޅިގެން އެމްއާރުއެމްގެ ނައިބު ރައީސް އަދި މި ސަރުކާރު ގެނައުމުގައި ވަަރަށް އިސް ދައުރެއް އަދާކުރެއްވި އައިމިނަތު ނާދިރާ ވިދާޅުވީ އަލީ ވަހީދު ފުރުން އެއީ ދައުލަތުގެ މައްސަލައެއް ކަމަށެވެ.

''އެންމެ ފުރަތަމަ ވެރިކަމަށް އައިސް ދޫކޮށްލީ ކުޑަކުއްޖަކާ ބެހިގެން ހުކުމް ތަންފީޒް ކުރަމުން ދިޔަ މީހެއް، ދެންބުނާނެ ތިމަންނަމެން ލައްކަ ހިތާމަ ކުރަމޭ''

ނާދިރާ ވިދާޅުވިއެވެ.

އަލީ ވަހީދު ފުރުމުން އާންމުގެ ތެރެއިން ގިނަ ބަޔަކު ވެސް ދަނީ އިންތިހާއަށް ކަން ބޮޑުވުން ފާޅު ކުރަމުންނެވެ. އެފަދަ ގިނަ ބަޔަކު މަޖިލިސްގައި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހާއި، 9 އަދި 10 ވަނަ ދުވަހު ބަހުސް ހިނގި ''މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު''އަކީ އަލީ ވަހީދު ފުރުވާލުމަށް އެވާހަކައިގެ އަޑުމަޑުކޮށްލަން ކުޅޭ ''ޗަރުކޭހެއް'' ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.

ހީއަކީ ކުއްހީ އަކަށް ވެސް ވެދާނެ އެވެ. ކޮންމެ އަކަސް އަލީ ވަހީދު ދޫވެއްޖެ އެވެ. ޓަރކިޝް އެއަރލައިންގައި އަލީ ވަހީދު ފުރީ އިނގިރޭސި ވިލާތައް ކަމަށް ބުނެވެއެވެ.