ބިރު ނުދެއްކޭނެ ކަމަށާއި، ހަކުރާގޭ ފެންޑާގައި އެކޮކޮޅުން އެލުވިޔަސް މާއްދާ ހަތާވީހުގެ ބޭނުން ހިއްޕަވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މާއްދާ ހަތާވީހަކީ ދިވެހި ރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ''ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން'' (މާއްދާ 27:އެ މާއްދާގެ މިނިވަން ކަމާއި އެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަންމެ މީހަކަށްމެ ލިބިގެންވެއެވެ.) ''ބަޔާން ކުރާ މާއްދާއެވެ.

Ad
rt

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގެ މަގާމްގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ވަނީ މަޖިލީހަށް ވައްދާފަ އެވެ. އެކަން ހާމަކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓަކުންނެވެ.

އެ މައްސަލަ ވެއްދުމުން އިއްޔެ މަލީހް ވިދާޅުވީ، އަސާސެއް ނެތް ކަމެއްގެ އިލްޒާމު އަޅުވާ، އަދަބު ދޭން އުޅުމަކީ ދުސްތޫރާ ޚިލާފު ކަމެއް ކަމަށެވެ. އަދި ކުރައްވަން ޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލާފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''މިނިވަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއޭއެމް)ގެ ބޯޑު އަދި މުވައްޒަފުންނަށް ޝުކުރިއްޔާ، ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯއްނާނެ، ޤާނޫނަށްވުރެ މަތީގައި މި ޤައުމުގައި ބަޔަކު އުޅެނީތޯ؟'' މަލީހް ކުރެއްވި ޓުވީޓެއްގައި އިއްޔެ ވިދާޅުވެއެވެ.

މަލީހުގެ އެ ވާހަކަތަކަށް އާޒިމް މިއަދު ވަނީ ރައްދު ދެއްވައި، ޓްވީޓެއް ކުރަށްވާފަ އެވެ. އާޒިމް ވިދާޅުވީ އެކަމުގައި މަލީހް ދޮގު ހައްދަވައި، ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ. އަވަސް އަރުވާލައިގެ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއޭއެމް) އިން އެކުލަވާލުމަށް ލާޒިމުކުރާ ގަވާއިދުގެ މަސައްކަތް ނިންމާ އޭޖީ އޮފީހަށް ފޮނުވީ، މަލީހްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް މީހަކަށް ގާނޫނަށްވުރެ މަތީގައި ހުރެވިގެން ނުވާނެ،"

އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ ''ހަޖަމް ނުކުރެވިގެން ތިޔަ އުޅުއްވަނީ'' ވީޓީގެ ''ގޮނޑިކޮޅު'' ޕްރޮގްރާމްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި ހިސާބުން ފެށިގެން ކަމަށެވެ.

"ރައްޔިތުންނަށް ވާނުވާ ނޭންގޭ ކަމަށްތޯ ހީކުރައްވަނީ. 'ހަކުރާގެ' ފެންޑާގައި އެކޮޅުކޮން އެލުވިޔަސް މާއްދާ 27ގެ ބޭނުން ހިފާނަން. ބިރެއް ނުދެއްކޭނެ،"

މަލީހު ވިދާޅުވިއެވެ.

މަލީހުގެ އެ ޓްވީޓަށް ރިޕްލައި ކުރަށްވާ "އަޅުގަނޑަށް ބިރު ދައްކަވަނީތޯ" އާޒިމް ވަނީ އައްސަވާފަ އެވެ.

މިނިސްޓަރު މަލީހްގެ އިތުބާރުގެ މައްސަލަ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީން އިއްޔެ މަޖިލީހަށް ވެއްދިއިރު، އެ މައްސަލާގައި ސޮއި ކުރެއްވީ 14 މެންބަރެއް ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.