އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އިތުރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް މިއަދު އައްޔަން ކުރެއްވީ އަލްއުސްތާޛާ މަރްޔަމް ފެޒްލީން އެވެ. ޕްރޮސެއުޓަރ ޖެނެރަލް ޙުސައިން ޝަމީމް، އެސިސްޓެންޓް ޕީޖީގެ މަޤާމަށް ފެޒްލީން ޢައްޔަންކުރައްވައި ލިޔުން ހަވާލުކުރީ އެއޮފީހުގައި މިއަދު އެވެ.
އެސިސްޓެންޓް ޕީޖީގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ފެޒްލީން ހުންނެވީ ޕީޖީ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަޤާމުގައެވެ.
އަލްއުސްތާޛާ މަރްޔަމް ފެޒްލީން ޤާނޫނީ ދާއިރާއިން ޚިދުމަށްކޮށްދެއްވަން ފެއްޓެވީ 13 މޭ 2009 ގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އަލްއުސްތާޛާ މަރްޔަމް ފެޒްލީންއަކީ މިވަގުތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން މި ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ޤާނޫނީ ވަކީލު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
ފެޒްލީންއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ޝަރީޢަތާއި، ޤާނޫނުގެ ދާއިރާއިން ބެޗްލާރސް ޑިގްރީ ހާސިލްކުރައްވާފައިވާ ކަނބަލެކެވެ. ހަމައެހެންމެ ފެޒްލީން ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާރސް ޑިގްރީ ވެސް ހާސިލްކުރައްވާފައެވެ. ހަމައެއާއެކު ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ވެސް ފެޒްލީން ވަނީ ފުރިހަމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!