ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހިންހަމަޖެހުމެވެ އަދި ލޮލޮގެ ނޫރެވެ. އެހެންކަމުން އެކުދިންގެ ހައްޤުތައް އަދާކޮށްދިނުމުގެ ޒިންމާއަކީ އަޅުގަނޑުމެންގެ ކޮންމެ މައެއް އަދި ބަފައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.
ދަރިން ދުނިއަށް އަންނަނީ ފިތުރަތުގެ ސާފުކަންމަތީއެ، އެހެންކަމުން އެދަރިންނަށް ހެވާއި ނުބައި ވަކިކޮށްދިނުމާއި ދިމާވާ ކަންކަމާއި ކުރިމަތިލާނެ ހިއްވަރާއި ފަންވަރު ދޭން ތިބޭނެ ބަޔަކީ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެން މައިންބަފައިނެވެ. އެހެންނަމަވެސް އެޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް އަދާކުރެވޭ ތޯ މިއީ މިއަދު ކޮށްލަންޖެހޭ ސުވާލެކެވެ. އެދަރިންނަށް އިސްލާމްދީނުގެ ފުރިހަމަ ތަރުބިއްޔަތުން ތަރުބިއްޔަތު ދެވޭބާވައެވެ. އެދަރިންނަށް ލިބިދޭ ހައްޤުތައް އަދާކޮށްދެވޭ ބާވައެވެ.
ކިލަނބުވެފައިވާ މުޖުތަމައެއްގައި އެކުދިންނަށް އެކަށޭނަ ރައްކާތެރިކަން ފޯރުކޮށްދެވޭބާވައެވެ. ކުދިންނަށް އެކުދިންގެ އުމުރާއި ގުޅޭގޮތުން ހެދިބޮޑުވުމުގެ ފުރުސަތު ހޯދާއިދިނުމާއި ކުދިންނަށް ދިމާވާ އެކިއެކި ނުރައްކާތަކުން ސަލާމަތްކުރުމަށް އެކުދިންނަށް އެކަށޭނަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މައިންބަފައިން ކުރުން މުޙިންމު ކަމެވެ.
އެހެންކަމުން ތިރީގައި މިފާހަގަކޮށްލަނީ ދަރިންނަށް ކޮންމެހެން ކިޔައިދޭންޖެހޭ މުހިންމު 10 ކަމެކެވެ.
- ކުޑަދަރިފުޅަށް (އަންހެން އަދި ފިރިހެން ދަރިފުޅު) އެއްވެސް މީހެއްގެ އުނގުގައި ނުއިށީނުމަށް ބުނެދޭށެވެ. އެއީ އެކުއްޖެއްގެ ބޮޑުބޭބެ ނުވަތަ އާއިލީގޮތުން ކިތަންމެ ކައިރި މީހެއްކަމުގައި ކަމުގައި ވިއަސް މެއެވެ.
- ދަރިންގެ އުމުރުން 2 އަހަރުވުމުން އެކުދިންގެ ކުރިމަތީގައި ހެދުން ބަދަލުކުރުންފަދަ ކަންކަން ކުރުމުން ދުރިހެލިވާށެވެ.
- އެއްވެސް މީހަކު ތިމާގެ ކުޑަދަރިފުޅަށް ނިސްބަތްކޮށް އަނބިމީހާ އަދި ފިރިމީހާ އޭ ކިޔާ މުހާތަބުކުރިޔަ ނުދޭށެވެ.
- ކުދިން އެކި ކުޅިވަރުކުޅުމުގައި އެކުދިންގެ ރަހުމަތްތެރިންނާއެކު ދާއިރު އެކުދިން ކުރަނީ ކޮން ކަމެއްތޯ ބަލާށެވެ. ސަބަބަކީ އެކުދިންގެ ރަހްމަތްތެރިންގެ ފަރާތުންވެސް ޖިންސީ ނޭދެވޭ އަމަލުތައް އެކުދިންނަށް ދަސްވެއެވެ.
- ދަރިފުޅު ހިތްހަމަ ނުޖެހޭ ފަރާތަކާއެކު އެއްވެސް ތާކަށް ނުފޮނުވާށެވެ. އަދި އެއްވެސް ފަރާތަކީ ދަރިފުޅާއި މާ ގާތްކަންބޮޑު ފަރާތެއްނަމަ އެފަރާތަކާއި ސަމާލުކަން ބަހައްޓާށެވެ.
- ދަރިފުޅު ހެލިފެލިވެ އުފާވެރިކޮށްހުރެފައި ކުއްލިޔަކަށް މިޒާޖަށް ބަދަލު އައިސް ލަދުގަނެ ކަމެއް ފޮރުވާނަމަ ހާއްސަ ސަމާލުކަމެއް ދީގެން އެދަރިފުޅާ ސުވާލުކޮށް ވީގޮތް އޮޅުން ފިލުވާށެވެ.
- ކުދިން ބަލަން ގަނެދޭ ކާޓޫނު ފަދަ ތަކެތީގައިވާ މަންޒަރު ތަކަކީ އެކުދިންގެ އުމުރާއި ގުޅޭފަދަ މަންޒަރު އެކުލެވޭ ތަކެތިތޯ ބެލުމަށްފަހު ނޫނީ އެކުދިން އެތަކެތި ބެލުމަށް ދޫނުކޮށްލާށެވެ.
- ދަރިފުޅު އެއްވެސް މީހަކާއި ގުޅޭގޮތުން ޝަކުވާއެއް ކޮށްފިނަމަ އެފަދަ ކަމެއް ސިއްރުކުރުމުގެ ބަދަލުގައި އެމީހެއްގެ މައްސަލަ ކަމާއިގުޅޭ އިދާރާއަކަށް ހުށަހަޅާށެވެ.
- ދަރިފުޅަށް ނަފްސާނީ ގޮތުން ގެންލުމެއް ވެދާނޭ ފަދަ ކަންކަމާއި ފަރާތްތަކާއި ދަރިފުޅު ދުރުކުރެވިދާނެއެވެ. މިސާލަކަށް މިއުޒިކާއި ، ފިލްމް އަދި ނޭދެވޭ ރައްޓެހިން އަދި ގާތްމިހުން ހިމެނެއެވެ.
- ދަރިފުޅުގެ އުމުރުން 3 އަހަރު ފުރުމުން އަމިއްލަޔަށް ސާފުތާހިރުވާން ދަސްކޮށްދޭށެވެ. އަދި އެއްވެސް ފަރާތެއް އެދަރިފުޅުގެ އެއްވެސް ތަނެއްގައި އަތްލާ ހެދުމަކީ ގޯސްކަމެއްކަން ރަނގަޅަށް އޮޅުންފިލުވައިދީ ދަރިފުޅަށް އެފަދަ ކަންކަމަށް ސަމާލުވުމަށް ބުނެދޭށެވެ.
އަދުގެ ބެލެނިވެރިންނަކީ މާދަމާގެ ޖީލު ބިނާކުރަން ތިބި ފުރަތަމަ މަދަރުސާއެވެ. އަދި ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާ އަޅަން ތިބި ދެގޮތެއްނުވާ މަސައްކަތްތެރިންނެވެ. ބެލެނިވެރިންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެން ނޫނީ މާދަމާގެ ޖީލު އަމާން އުޖާލާ އައްސޭރިއަކަށް ވާސިލް ނުވާނޭ ކަމީ ހަމަ މުޖައްރިބު ކަމެކެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ބީދައިން އަޅުގަނޑުމެން ބެލެނިވެރިން ދަރީންގެ ކަންތައްތަކާއި މެދު ސަމާލުވަމާހެއްޔެވެ.
ދަރިޔަކަށް ދިމާވި ނުރައްކަލެއްގެ ސަބަބުން ފަހުން ހިތާމަ ކުރަންޖެހިފައި ތިބި އެތައް މައިންބަފައިންނެއް މި ކުޑަ އާބާދީގައިވެސް ތިބިކަމީ ފެންނަންހުރި މިސާލުތަކެވެ. ބަވަނަ ވަމުންދާ މި ދުނިޔޭގެ ކަންކަމަށް ދަރިންގެ ލޯ ހުޅުވަދީގެން ނޫނީ އެދަރިން ސަލާމަތް ކުރެވެން ނެތްކަން މައިންބަފައިން ދަންނަންޖެހެއެވެ.
ހިއްތަކުގެ މާމެލާމެއްޔަކީ މި ލޮބުވެތިވި ކުޑަކުދިންކަމަށް ވުމުން އެކުދިންނަށް އެކަށޭނަ ހައްޤުތަކެއް ލިބިގެންވެއެވެ. މިގޮތުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ނަޒަރު ހިންގަލުމުންވެސް މިކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ކުޑަކުދިން މާނަކޮށްފައިވަނީ މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން ( 18 އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ. އަދި ޤާނޫނުގެ 5 ވަނަ މާއްދާއިން 35 ވަނަ މާއްދާއަށް ކުޑަކުދިންގެ ހައްޤުތައް ކަމުގައި ހިމެނެނީ، ތަޢުލީމް އުނގެނުމުގެ ހައްޤު، ސިއްޚީ ޚިދުމަތް ލިބިގަތުމުގެ ހައްޤު، ތަފާތުކުރުމެއް ނެތި ސަޤާފީ، އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުމުގެ ހައްޤު ހިމެނެއެވެ.
އަދި ޤާނޫނުގެ 36 ވަނަ މާއްދާގައި ކުދިންގެ ޒިންމާތައްކަމުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ ރަނގަޅު ތަރުބިއްޔަތު ލިބިގަތުމާއި، އަމިއްލަ ނަފްސަށް ގެއްލުން ނުދިނުމާއި، ލިބިފައިވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކުދިންގެ އުމުރާއި ގުޅޭގޮތުން އެކުދިން ހެދި ބޮޑުވުމުގެ ފުރުޞަތު ހޯދައިދިނުމާއި ކުދިންގެ ނުރައްކާތަކުން ސަލާމަތްކުރުމަށް އެކުދިންނަށް އެކަށޭނެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުޙިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.
ކުދިންނަށް ކަމެއް ދިމާވާއިރު އެކުދިންގެ އަޑުއަހާނެ ފަރާތްތަކެއް ތިބިކަން ހިތްވަރުލައިދިނުމަކީ އެކުދިންނަށް ލިބޭ އަނިޔާއިން ރައްކާތެރިކުރުމަށް އެޅިގެންވާ މުޙިއްމު ފިޔަވަޅެއް ކަމުގައިވެސް ބަޔާންކުރެވިފައި ވެއެވެ. އެހެން ކަމުން މައިންބަފައިންނަކީ މި ހައްޤުތައް އެކުދިންނަށް ފޯރުކޮށްދިނުމުގެ ފުރަތަމަ މަދަދުގާރުން ކަމުގައި ވަނީ ވެފައެވެ.
ލިއުނީ: ޙުސައިން އަޤީލް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!