އޮކްސްފޯޑް އެސްޓްރަޒެނެކާ ނުވަތަ ކޮވިޝީލްޑް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ހުއްދަ ދީފިއެވެ.

އެ ޖަމިއްޔާއިން ކޮވިޝީލްޑަށް ހުއްދަ ދީފައިވާކަން އިއުލާންކޮށްފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad
rt

އެ ޖަމިއްޔާއިން ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ދިނުން އެންމެ ރަނގަޅީ އަށް ހަފްތާ އާއި 12 ހަފްތާފަހުން ކަމަށެވެ. އަދި މި ވެކްސިން އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ދެވިދާނެކަމަށް އެ ޖަމިއްޔާއިން ވަނީބުނެފައެވެ.

ކޮވި ޝީލްޑަކީ އޮކްސްފޯޑުގެ ވެކްސިނެއް ކަމުގައިވީނަމަވެސް އެ ވެކްސިން އުފައްދަމުން އަންނަނީ އިންޑިއާގައެވެ. މި ސަރަހައްދުގެ ގިނަ ގައުމުތަކުގައިވެސް ބޭނުންކުރަމުން އަންނަނީ މި ވެކްސިނެވެ.

މި ވެކްސިނަށް ޑަބްލިއުއެޗްއޯގެ ހުއްދަ ނުލިބޭތީ ރާއްޖޭގެ ބައެއް ފަރާތްތަކުން ވަނީ ވެކްސިން ޖެހުމަށް އިންކާރު ކޮށްފައެވެ. އެ ފަރާތްތަކުން ބުނާގޮތުގައިޑަބްލިއުއެޗްއޯއިން ހުއްދަ ނުދެނީސް ވެކްސިނަށް އިތުބާރު ނުކުރެވޭނެއެވެ.

ކޮވިޝީލްޑަކީ އެހެން ކޯވިޑް-19އިން ރައްކާތެރިވުމަށް އުފެއްދި އެހެން ވެކްސިންތަކާ އަޅާބަލާއިރު ގެންގުޅެން ފަސޭހަ ވެކްސިނެކެވެ. އެގޮތުން، އާދައިގެ ވެކްސިންތައްބަހައްޓާ ފިނިހޫނުމިނުގައި މި ވެކްސިން ބެހެއްޓެއެވެ. އެހެންކަމުން ރާއްޖެ ކަހަލަ ބޮޑެތި ކޯލްޑް ސްޓޯރެޖް ނެތް ގައުމުތަކުގައިވެސް މި ވެކްސިން ރައްކާތެރިކަމާއެކުބޭނުން ކުރެވޭނެއެވެ.