ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުރައް ވަރުގަދަކޮށް ގްރޭޓަރ މާލެ ސަރައްދުގައި ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މިރެއިން ފެށިގެން މަނާ ކޮށްފި އެވެ.

މިގޮތުން ގްރޭޓަރ މާލެ ސަރައްދު މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި، ގުޅީފަޅު، ހުޅުލެ)ގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ވަގުތު އިތުރުކުރިކަން އެންގީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު މެންދުރުފަހު އާންމުކުރި އެންގުމެއްގަ އެވެ.

Ad
rt

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އާންމު ކުރި އެ އެންގުމުގައި ވަނީ ރާއްޖޭގައި ކޯވިޑް19 ފެތުރުން ކޮންޓްރޯލުކޮށް ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާއިރު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ކަމަށެވެ.

މި އެންގުމުން އިސްތިސްނާވާނީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުން އަދި އިމަޖަންސީކޮށް ސިއްހި ފަރުވާ ހޯދަންދާ މީހުންނެވެ.

މިފިޔަވަޅު އެޅުމުގެ ކުރިން މާލޭ ސަރަޙައްދުގައި ދުއްވުން މަނާކޮށްފައި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށެވެ. އަދި ރޭގަނޑު 11 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

މާލޭ ސަރަޙައްދުގައި މިފިޔަވަޅު ވަރުގަދަ ކުރިއިރު ކޯވިޑް19 ފެތުރުން ކޮންޓްރޯލުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް ފުވައްމުލަކު ސިޓީގައި ވެސް ވަނީ އެއްގަމު އުޅަނދުފަހަރު ދުއްވުމާއި ބޭރަށް ނުކުމެ އުޅުން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.