ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ.
މި މެޗަށް ރެއާލުން ނުކުމެފައިވަނީ ސަސްޕެންޝަނާއި އިންޖަރީގެ މައްސަލަ ތަކުގެ ސަބަބުން އާންމުކޮށް އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނުގެން ކުޅޭ މުހިންމު ބައެއް ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ. މިވަގުތު އިންޖަރީގައި ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ތިބިއިރު އޭގެ ތެރޭގައި ކެޕްޓަން ސާޖިއޯ ރާމޮސް، ޑެނީ ކަރަވަހާލް، ލޫކަސް ވަޒްކޭޒް، ރޮޑްރިގޯ، ފެޑްރިކޯ ވަލްވަޑޭ އަދި އެޑެން ހަޒާޑް ވެސް ހިމެނެއެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ރެއާލުން މޮޅަށް ކުލެފައިވާއިރު ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން ކަރިމް ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭރިއާ ތެރެއިން އެ ޓީމުގެ ލޫކަ މޮޑްރިޗް ފޮނުވާލި ބާރު ހަމަލާ ގެޓާފޭގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ރެއާލުން ކާމިޔާބު ކުރި ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ބެންޒެމާ ކާމިޔާބު ކޮށްދިންއިރު އޭގެ ހަ މިނެޓް ފަހުން ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މާސެލޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ ޑިފެންޑަރ މެންޑީއެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައަށް ރެއާލް ވަނީ ޖެހިލާފައެވެ. އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ ދެ މެޗު އިތުރަށް ރެއާލް ކުޅެފައިވާއިރު، މިވަގުތު ވެސް މި ދެ ޓީމްގެ ދެމެދުގައި ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ރެއާލްއަށް 22 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައި އޮތް އެތުލެޓިކޯއަށް 20 މެޗުން 51 ޕޮއިންޓް ވަނީ ލިބިފައެވެ. މެޗުން ބަލިވި ގެޓާފޭ އޮތީ 22 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ތާވަލުގެ 13 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!