ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ސެލްޓަ ވިގޯ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސެލްޓަ ވިގޯއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ ހޫގޯ މަލޯ އެތުލެޓިކޯގެ އޭރިއާގެ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ސްލްޓައަށް ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ސަންޓި މިނާއެވެ. އެއްލަނޑު ކުރީގައި ސްލްޓަ އޮވެގެން ފުރަތަމަ ހާފު ނިމެންދަނިކޮށް އެތުލެޓިކޯއިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ މިޑްފީލްޑަރ މާކޮސް ލޮރެންޓޭ ސެލްޓަގެ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސް ކޮސްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފޯވާޑް ލުއިސް ސުއަރޭޒްއެވެ.

Ad
rt

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. ބާސެލޯނާއިން ފާއިތުވި އަހަރު އެތުލެޓިކޯއަށް ބަދަލުވި ލުއިސް ސުއަރޭޒް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސްޕެނިޝް ލަލީގާގައި މި ސީޒަންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ވެސް ސުއަރޭޒްއެވެ. މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއި އެކު ސުއަރޭޒް ޖެހި ލަނޑުގެ އަދަދު ވަނީ 16 އަށް އަރާފައެވެ.

އެތުލެޓިކޯ ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓުގައި ސެލްޓައިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެރޭރާއެވެ.

އެތުލެޓިކޯއިން މި ސީޒަންގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި މިހާތަނަށް އެ ޓީމުން 20 މެޗު ކުޅެފައިވާއިރު، އެ ޓީމަ ބަލިވެފައިވަނީ ރެއާލް މެޑްރިޑާއި ބައްދަލުކުރި މެޗުން އެކަންޏެވެ. އެތުލެޓިކޯ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ 20 މެޗުން ލިބުނު 51 ޕޮއިންޓާއިއެކު ދެވަނާގައި ބާސެލޯނާއަށް ވުރެ އިތުރަށް އަށް ޕޮއިންޓް ހޯދައިގެންނެވެ. ބާސާއިން އެތުލެޓިކޯއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާއިރު ބާސާއަށް ލިބިފައިވަނީ 21 މެޗުން 43 ޕޮއިންޓެވެ. ސެލްޓަ ވިގޯ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 22 މެޗުން 26 ޕޮއިންޓެވެ.