ގައުމު މިހާލަތަށް އައިސް މިދުވަހާއި ބައްދަލުކުރީ ވަރަށް ގިނަ ބަޔެއްގެ ވަރަށް ބުރަ، ވޭންހުރި އުނދަގޫ މަސައްކަތްތަކަށް ފަހު ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ މިރޭ ދިވެހި ޗެނަލްގައި އެކަމަނާއަށް ސިޔާސީ މަޝްރަޙްގައި ކުރެވުނު ތަޖުރިބާއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝިދާތާ ވިދާޅުވީ މިހާހިސާބަށް އާދެވުނުގޮތް ފަސް އެނބުރި ބަލައިލަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ކުރިއަށް ދާން އުނދަގޫވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ އެކަމަނާ ޖެންޑަރ މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ކުރިމަތި ކުރުވި ސިޔާސީ ކަންތައް ތަކެއްގެ ސަބަބުން ކަމަށެވެ. ޒަމާނުއްސުރެ ދިވެހި ރާއްޖޭގެ އިޖުތިމާއީ ކަންކަމަށް އޮތީ އަޅާލަންވާ ވަރަށް އަޅާ ނުލެވި ކަމަށާއި، އެކަން ކަމުގެ ފުނަށް ފީނުމުން ހަގީގަތް ފެންނާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ މެންޑޭޓުގައި ހުރިކަންކަން ތަންފީޒުކޮށް، ކަންކަން ރަނގަޅު ކުރުމަކީ ގޮންޖެހުން ބޮޑު، އުނދަގޫ ކަމެއްކަން ފާހަގަ ކުރަށްވާ އެކަމަނާ ވިދާޅުވީ، ކަންކަން ލަސްވެ ނުވަތަ ނުވެ ހުރުމަކީ މަގާމުގައި ހުންނަ މީހެއްގެ ސަބަބުން ދިމާވާ ކަމެއްނޫން ކަމަށެވެ.

ޝިދާތާ ވިދާޅުވިގޮތުގައި އެކަމަނާ މިވަގުތު ހުންނެވީ އަދާލަތު ޕާޓީއާއި އެކު ކުރިއަށް ވަޑައިގަންނަވަން ކަމަށެވެ. ނަމަވެސް ގައުމުގެ ސިޔާސީކަންކަން ފުރޮޅޭގޮތުން އެހެން ދިމާއަކުން ފެނުމަކީ ވެސް ވެދާނެ ގޮތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީ މި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތުން އެދޭކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ހުންނެވީ މި ސަރުކާރަށް މަދަދުދީ އެހީތެރިވާން ކަމަށާއި، އެކަމަނާ މިއަދު ސަރުކާރަށް ޚިދުމަތް ކުރުމަށް ސަރުކާރުގެ މަގާމެއްގައި ނެތުމުގެ އުނިކަން އިހްސާސްވާނީ މި ސަރުކާރަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ސިޔާސީ ގޮތުން ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށާއި، ސިޔާސީ މައިދާނުގައި ކެރިގެން ވަޑައިގަންނަވާނީ ކުރިއަށް ކަމަށެވެ. އަދި ސިޔާސީ ގޮތުން އަޅުއްވާނަމަ އަޅުއްވާ ބޮޑު ފިޔަވަޅެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.