ހުރިހާ ކަސްޓަމަރުން ވެސް އޮންލައިންކޮށް ޚިދުމަތް ހޯދަން އުރީދޫން އެދިއްޖެއެވެ.

އެ ކުންފުނިން މިހެން އެދުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުންނެވެ. އެޗްޕީއޭއިން ވަނީ ކޮންމެހެން ހޯދަން ޖެހޭ ހިދުމަތްތައް ނޫން ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރު އަޅައިފައެވެ.

Ad
rt

އުރީދޫގެ މުހިންމު ހިދުމަތްތައް އުރީދޫ މޯބައިލް އެޕްލިކޭޝަނާއި ޑިޖިޓަލް ސެންޓަރުތަކުން ލިބޭނެއެވެ. މިއީ އިތުރު މީހަކާ ދިމާނުވެ ހިދުމަތް ހޯދޭ ދެ ޕްލެޓްފޯމެވެ.

ސައުވީސް ގަޑިއިރު ހިދުމަތް ލިބޭ އުރީދޫގެ މޯބައިލް އެޕްލިކޭޝަނުން ބިލް ދެއްކުމާއި ރީޗާޖު ކުރުމާއި ކަސްޓަމާ ކެއާ އޭޖެންޓުނާ ވާހަކަ ދެއްކުމުގެ ހިދުމަތް ލިބޭނެއެވެ. އަދި މި އެޕްލިކޭޝަނުން އުރީދޫގެ "މޫލީ" މެދުވެރިކޮށް ވިޔަފާރި ކުރުމާއި "އެމް ފައިސާ" މެދުވެރިކޮށް ގޭސްފުޅި އަށް ފައިސާ ދައްކައި އޯޑަރު ކުރުމުގެ ހިދުމަތްވެސް ލިބޭނެއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރަކީ ވެސް 24 ގަޑިއިރުގެ ޚިދުމަތް ލިބޭ ތަނެކެވެ. މި ސެންޓަރުން ޕްރިޕެއިޑް ސިމް ކާޑާއި ބިލް ދެއްކުމާއި ރީޗާޖު ކުރުމުގެ އިތުރުން އެމް ފައިސާ އަށް ކޭޝް އިން ކުރެވޭނެއެވެ.

މިހާތަނަށް މި ސެންޓަރުތައް ހުޅުވާފައިވަނީ މާލެ އާއި ހުޅުމާލެ އާއި ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދު އާއި ފުވައްމުލަކާއި އައްޑޫ ހިތަދޫގައެވެ.