ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ އެކްސްކަވޭޝަން މަސައްކަތްތަކާއި ކޮންކްރީޓް މަސައްކަތްތައް މިހާރުވަނީ ނިމިފައިވާ ކަމަށެވެ. އަދި އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެެވެ.
ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. މި މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ އެކްސްކަވޭޝަން މަސައްކަތްތަކާއި ކޮންކްރީޓް މަސައްކަތްތައް މިހާރުވަނީ ނިމިފައި. pic.twitter.com/p8OVXeuPCl
— MTCC Plc (@MTCCPlc) February 7, 2021
އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.
އެ ކުންފުނިން ވަނީ އެ ކުންފުނީގެ 40 އަހަރުގެ ތާރީޚުގައި މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ، ހުސްވި 2020 ވަނަ އަހަރު ހޯދާފައެވެ. މިގޮތުން އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން، ސާފު ފައިދާގެ ގޮތުގައި 62.85 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ.
ހުސްވި 2020 ވަނަ އަހަރު ޖުމްލަ 34 އުމްރާނީ ތަރައްޤީ މަޝްރޫއެއްގެ އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. އެ ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއް ވެސް ހިންގާފައިވާއިރު، އެ ކުންފުނިން މަޝްރޫޢުތައް ހިނގަމުންދިޔަ ރައްރަށުގެ މުޖުތަމައުތަކަށް ވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!