ރާއްޖެއަށް ކޯވިޑް-19ގެ ތިންވަނަ ރާޅެއް ބިންދާލައި، ހާލަތު ފާލުން ނެއްޓެން ފެށުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގެ ހާލަތު ކޮންޓްރޯލްކޮށް، ކޯވިޑް ބަލިން ރައްޔިތުން ރައްކާތެރި ކުރުމަށް އެންމެފަހުން އާންމު ކުރެއްވި އުސޫލުގެ ދަށުން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުން މަޖުބޫރު ވާނެއެވެ.

ކޯވިޑާއި ގުޅިގެން ހާލަތަށް ލުއިދީ، މިހާތަނަށް އަމަލު ކުރަމުން އައިގޮތުން މާސްކު އެޅުން މަޖުބޫރުކޮށްފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދު (މާލެ،ހުޅުމާލެ،ވިލިމާލެ)ގެ އިތުރުން ކޯވިޑްގެ ކޭސްތައް ފެންނަ ރަށްރަށުގަޔާއި، ޓޫރިސްޓް ގެސްޓް ހައުސްތައް ހިންގުމަށް ހުއްދަދީފައިވާ ރަށްރަށުގަ އެވެ. އެހެން ރަށްރަށް މިހާލަތުން އޮތީ އިސްތިސްނާ ވެފައެވެ.

Ad
rt

އެހެންކަމުން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކު އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި މާސްކު ނާޅާ އުޅޭނަމަ ގްރޭޓާ މާލޭ އޭރިއާއެކޭ އެއްގޮތަށް ރަށްރަށުގައިވެސް 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ފުލުހުން ގާއިމުވެފައި ނެތް ރަށްރަށުގައި މާސްކު ނާޅާ އާންމު ތަންތާގައި އުޅޭ މީހުން ޖޫރިމަނާ ކުރާނީ އެރަށެއްގައި އުފެދިފައި އޮންނަ ކޯވިޑް ޓާސްކް ފޯހުގެ ފަރާތުން ކަމަށް ވަނީ ހަމަޖައްސާފަ އެވެ.

ދެ އަހަރު ނުވާ ކުޑަކުދިންނާއި، އަމިއްލައަށް މާސްކް އަޅައި، ނެގުމުގެ ގާބިލްކަން ނެތް މީހުން މިހާލަތުން އިސްތިސްނާވާއިރު، ކެއިން ބުއިމަށް ކެފޭ ރެސްޓްރޯންޓުގައި ތިބޭ ވަގުތުގައާއި އަދި ކަސްރަތުކުރުމަށް ބޭރުގައި އުޅޭ ވަގުތު މާސްކު ނާޅާ އުޅެވިދާނެއެވެ.

މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުން މަޖުބޫރު ވާއިރު، ފެބްރުއަރީ 1 އިން ފެށިގެން ރާއްޖޭގައި އަންނަނީ ކޯވިޑް ވެކްސިން ދެމުންނެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވެސް މާލޭގެ 6 ވެކްސިނޭޝަން ސެންޓަރުން ޖުމްލަ 2015 މީހުންނަށް އަދި އަތޮޅުތެރޭގެ 14 ވެކްސިނޭޝަން ސެންޓަރުން 560 މީހަކަށް ވަނީ ކޯވިޑް ވެކްސިން ޖަހާފަ އެވެ. މިއާއެކު މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 6854 އަށް އަރާފަ އެވެ. އެއީ މާލެއިން 5588 މީހުންނާއި އަތޮޅުތެރެެއިން 1266 މީހުންނެވެ.