އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް، އިންސާފު ޤާއިމްކުރަން ގެނައި ސަރުކާރުން ލިބުނީ ބޭއިންސާފާއި ހިތްދަތިކަންކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ އެކަމަނާ ޖެންޑަރ މިނިސްޓަރކަމުން އިސްތިއުފާ ދެއްވިތާ އެއް އަހަރު ފުރޭ ދުވަސްކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރި އެކަކަށް އެކަމަނާ ވާނެކަމަށެވެ.

Ad
rt

ސަރުކާރު ގެނައީ އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް އިންސާފު ޤާއިމް ކުރަން. އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތި ކަމަކާއި ކުރިމަތިލީ މީހަކަށް ވާނެ އަޅުގަނޑު.

އެކަމަނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސިދާތާ ވިދާޅުވެފައިވަނީ، ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްޤުގައި ބިރެއްނެތި ވަކާލާތުކުރި ކަމަށެވެ.

މިއަދު އަޅުގނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައިސް ސޯލިހް ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް.

ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއްނެތްކަމަށާއި ﷲގެ އިރާދަފުޅާއި އެކު ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވީ ސަރުކާރު ހިންގާމައިޕާޓީ އެމްޑީޕީގެ ޕްރެޝަރބޮޑުވެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނިކޮންނެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދުވަހު ވިދާޅުވީ ޝިދާތާ ޝަރީފުގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތް ވެސް ނުވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ޖަލަށް ލައި ހައްޔަރުކުރަމުން، އެ ސަރުކާރާ ދެކޮޅަށް އަދާލާތު ޕާޓީން އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޝިދާތާ އެވެ. ރާއްޖޭގެ އޭރުގެ ސިޔާސީ ހާލަތު ބޭރުގެ ފަރާތްތަކަށް ހިއްސާކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްތަކާއި މުޒާހަރާތަކުގައި ވެސް ޝިދާތާ އިސް ދައުރެއް އަދާކުރެއްވި އެވެ.