ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައި، ރޭ އާންމު ކުރެއްވި ''ކޯވިޑް19ގެ ހާލަތުގައި ރައްކާތެރި ކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދަންވީ ގޮތުގެ އުސޫލު''ގެ ސަބަބުން އިންތިޚާބުބޭއްވުމަށް ދަތިތަކެއް ކުރިމަތިވެއްޖެ ކަމަށްބުނެ، އިންތިހާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނު އިސްލާހްކޮށް، އިންތިހާބު ބޭއްވުމުގެ ޤަނޫނީ ޒިންމާ މަތިކޮށްފައިވާ އިލެކްޝަންސްއަށްވުރެ ބޮޑެތި ބާރުތަކެއް ސަރުކާރުގެ ވުޒާރާއެއްކަމުގައިވާ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެޗްޕީއޭއަށް ވަނީ ދީފަ އެވެ. އެ އިސްލާހްގައިވާގޮތުން، އިންތިހާބުގެ ކެމްޕޭނާއި، އަދި އިންތިހާބުގެ ކަންކަން ކުރިއަށްދާނެގޮތް ކަނޑައަޅާނީ އެެޗްޕީއޭއިންނެވެ.

Ad
rt

އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައިވާއިރު، އެޗްޕީއޭއާއި މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން އެ އޭޖެންސީ ރޭ އާންމު ކުރި އުސޫލްގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް އީސީގެ ރައީސް އަޙްމަދު ޝަރީފް ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.

ކޯވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބެން ޖެހޭ ފަރާތްތަަކަށް އެ ފަރާތްތަކަށް ތިބޭ ރަށެއްގައި ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވާއިރު، ޝަރީފު ވިދާޅުވީ، އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވޯޓުލާން ފުރުސަތު ދެވޭނީ އެ މީހަކު ވޯޓުލާން ރަޖިސްޓްރީވި ތަނަކަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޝަރީފްވަނީ އެޗްޕީއޭގެ އުސޫލް އޮތްގޮތުން ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ކެނޑިޑޭޓުންނަށް ކަށަވަރު ކޮށްނުދެވޭނެކަން ފާހަގަ ކުރަށްވައި، އިދިކޮޅު ޕާޓީތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ނުލިބި، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް ކެމްޕޭންކުރުމަށް ފުރުސަތު ލިބޭގޮތަށް އިންތިހާބު ބޭއްވުމަކީ އިންތިހާބުގެ ހަމަހަމަކަން ގެއްލޭނެކަމެއްކަމަށް ވިދާޅުވެފަ އެވެ.

2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ޢިއުލާންކުރި ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ކެނޑިޑޭޓުން ކުރިމަތިލިއެވެ. އޭގެ ފަހުން އެކިފަހަރު މަތިން ފަސްކޮށްފައިވާ އެ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލި 100 އަށްވުރެ ގިނަ ކެންޑިޑޭޓުން މިހާތަނަށް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.