އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމް އާއި ޗެލްސީ ބައްދަލު ކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން މޮޅަށް ކުޅުނު ނަމަވެސް ލަނޑު ޖަހާނެ ފުރުޞަތު ތަކެއް ހޯދިފައި ނުވެއެވެ. މުޅި މެޗުގައި ވެސް އެ ޓީމަށް ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ. މިގޮތުން ޓޮޓެންހަމްއަށް ވެސް ޗެލްސީގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ.

Ad
rt

ޗެލްސީއަށް ކޯޗުކަން ކޮށްދީ ގިނަގުނަ ކާމިޔާބު ތަކެއް ހޯދާދީފައިވާ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މިހާރު ކުޅެމުން އަންނަ ޓޮޓެންހަމް ލީގުގައި ފަހަކަށް އައިސް ނެރެމުން ދަނީ ދަށް ނަތީޖާތެކެވެ. މިގޮތުން އެ ޓީމުން އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.

ޓޮޓެންހަމްއިން ޗެލްސީއާއި ދެކޮޅަށް ނުކުމެފައިވަނީ އަނިޔާގެ ސަބަބުން އެ ޓީމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ނުލައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ޖޯޖީނިއޯއެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ޓިމޯ ވާނާއަށް ޓޮޓެންހަމްގެ އެރިކް ޑިއަރ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މިއީ ދާދިފަހުން ޗެލްސީގެ ކޯޗުކަމާއި ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ތިންވަނަ މެޗެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް ދެ މެޗުން ވަނީ މޮޅުވެފައެވެ. ޗެލްސީގެ އާ ކޯޗް ހަވާލުވި ފަހުން އަދި އެ ޓީމް ކޮޅަށް ލަނޑެއް ވަދެފައި ނުވެއެވެ.

މި މެޗުން މޮޅުވެ ޗެލްސީވަނީ ޕޮއިންޓް ތާވަލުގެ ހަވަނަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައިވަނީ 22 މެޗުން 36 ޕޮއިންޓެވެ. މި މެޗުން ބަލިވި ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ އަށް ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 21 މެޗުން 33 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ 21 މެޗުން 47 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީއެވެ.