އެއްގަމު އުޅަނދުފަހަރާ ގުޅޭ ބައިނަލްއަޤްވާމީ ދެ މުޢާހަދާއެއްގައިއާއި، ޓީ.އޭ.ސީ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރުވުމަށް ވަޒީރުންގެ މަޖިލީހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލަފާދެއްވައިފިއެވެ.
މި މުއާހަދާތަކަކީީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" އަދި ”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާ އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސް ޞާލިޙް މި ގޮތަށް ނިންމަވާފައި ވަނީ، އެ މުޢާހަދާތަކާ ގުޅޭ ވުޒާރާތަކުން ހުށަހަޅާފައިވާ ކަރުދާސްތަކަށް އިއްޔެ އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
މިގޮތުން
މި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އާއި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިން އެންޑް ސިގްނަލްސް 1968" މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމުން، މި މުއާހަދާތަކުގައި ސޮއިކޮށްފައިވާ ޤައުމުތަކުގައި، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އަދި، އެ ޤައުމުތަކުގެ ކަމާގުޅޭ އިދާރާތަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ރާއްޖޭގައިވެސް، އިތުރު ލައިސެންސްއެއް ނުވަތަ ހުއްދައެއް ނެގުމަކާ ނުލައި، ބޭނުންކުރެވޭނެއެވެ.
މި ދެ މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުން ލަފާދެއްވާފައި ވީ ނަމަވެސް، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި، އެއް ޤައުމުން އަނެއް ޤައުމަށް އުޅަނދުފަހަރު ބަދަލުކުރާއިރު އުޅަނދު ރަޖިސްޓްރީ ކުރުމަކާ ނުލައި ދުއްވުމުގެ ހުއްދަދިނުމަށް ބަޔާންކޮށްފައިވާ ނުކުތާއަށް އިޢުތިރާޒު ކުރުމަށް، އިއްޔެ ބޭއްވި ޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ލަފާދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާއަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ. މި މުޢާޙަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ޤައުމުތަކުގެ މެދުގައި ޤާއިމުކުރެވިފައިވާ ގުޅުންތައް، ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަޤުޞަދުގައެވެ. އޭގެ ތެރޭގައި ސައުތް އީސްޓް އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ޤާއިމުކުރުމާއި، މުޢާހަދާގައި ބައިވެރިވާ ޢާންމު ފަރާތްތަކުގެ މަސްލަޙަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަންވާނެ ކަމުގައި މި މުޢާހަދާގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން ޓީ.އޭ.ސީ މުޢާޙަދާގައި ބައިވެރިވުމުން، އާސިއާންގެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައި ފޮރިން މިނިސްޓަރ ކަރުދާސް ހުށަހަޅައިދެއްވަމުން ވަނީ ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!