ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ނަމްބަރުތައް މައްޗަށް ދާން ފަށާފައިވާއިރު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ގިނަ ފިޔަވަޅުތަކެއް ކުރިއަށްވުރެ ވަރުގަދަކޮށް މިއަދު އާންމު ކޮށްފައެވެ.
ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރު
މިފިޔަވަޅުތަކުގެ ދަށުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖޫބުރުކޮށް އެކަން ތަންފީޒު ކުރަން ވަނީ ކަމާއި ބެހޭ އިދާރާތަކަށް އަންގާފައެވެ. ނަމަވެސް އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިންނާއި، އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތު ކުރާ ވަގުތާއި، ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކުން ޚިދުމަތް ހޯދާ ވަގުތުގައި މާސްކު އެޅުމުގެ އެންގުމުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމެނެއެވެ.
މާލެ ސަރަހައްދުގެ ކާފިއުގެ ވަގުތު އިތުރުކުރުން
ކުރިއަށް އޮތް ދެ ހަފްތާ އަށް ގްރޭޓާ މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އަށް ކާފިއު އިއުލާނުކޮށް، ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޔުނިވާސިޓީ، ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް، ޕްރީސްކޫލްތައް ބަންދު
ކޮލެޖު އަދި ޔުނިވާސިޓީ ފަދަ ތަންތަނުގެ ކިޔެވުން ކުރިއަށް އޮތް ދެ ހަފުތާގައި އޮންލައިންކޮށް ކުރިއަށް ގެންދަން އަންގާފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިކަލް ހަރަކާތްތައް ބޭއްވޭ ގޮތަށް ވަނީ ހުއްދަ ދީފައެވެ. އަދި ޕްރީ ސްކޫލްތަކާއި ޑޭކެއާ އަދި ނާސަރީތައް މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.
ޕާކުތައް ބަންދު އަދި ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އެންގި
މިއަދުން ފެށިގެން ކުރިއަށް އޮތް ދެހަފްތާއަށް ޕާކުތަކާއި މައިޒާންތައް ބަންދުކުރުމަށް ނިންމައި، އަދި ކުޅިވަރު ހަރަކާތްތައްވެސް މެދުކަނޑާލުމަށް ވަނީ އަންގާފައެވެ. ނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅާފައިވާ ޕާކުތަކާއި މައިޒާންތަކުގައި ކަސްރަތު ކުރެވޭނެ ގައިޑްލައިން އެކުލަވާލައި، އެގަޑިތަކުގައި ކަސްރަތު ކުރަން ހުއްދަދޭން ނިންމާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ގްރޫޕް ހަދައިގެން ކަސްރަތު ނުކުރެވޭނެ
ކުރިއަށް އޮތް ދެ ހަފުތާއަށް ގްރޫޕްހަދައިގެން ކަސްރަތު ކުރުން މަނާކޮށް އެ މުއްދަތުގައި އެކަނި ކުރާ ކަސްރަތުތައް ކުރެވޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެހެން ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަސްރަތު ކުރުމުގައި އެކުގައި ދިރިއުޅޭ މީހަކަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާއިރު، އެޗްޕީއޭއިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހުރިހާ ޖިމްތަކެއް ވެސް އެކަނި ކުރާ ކަސްރަތު ކުރެވޭނެ ގޮތަކަށް ބަދަލުކުރަން ވަނީ އަންގާފަ އެވެ.
ސަރުކާރު މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި
ސަރުކާރު އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖައްސައި، ކޯވިޑް19 ފެތުރުން އިތުރުވެފައިވާތީ، ބަލި ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކުރާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމުގައްޔާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި، ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރުމުގައި ސަރުކާރުގެ އިދާރާތަކުން އިތުރު ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ މިއަދު އެދިވަޑައިގެންފަ އެވެ.
ކޭސްތައް އިތުރުވީ ކޮވިޑުގެ އާ ވޭރިއަންޓުގެ ސަބަބުން
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތިން ބައި ކުޅަ އެއް ބައި މީހުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދާ އެ ބަލީގެ އާ ބާވަތް ނުވަތަ ވޭރިއަންޓް ޖެހިފައިވާ މީހުންކަމަށް ލަފާކުރެވޭ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެޗްއީއޯސީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އާ ވޭރިއަންޓުތަކާއެކު ބަލި ފެތުރުން އަވަސްވެގެން ދިޔަ ކަމަށާއި، ރާއްޖޭގައިވެސް ފެންނަމުންދަނީ އެފަދަ ހާލަތެއް ކަމަށެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ފާއިތުވީ ހަފްތާގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 215 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން 159 މީހަކު ފައްސިވެފައި ވަނީ މާލޭ ސަރަހައްދުންނެވެ. ރާއްޖޭގައި މިހާތަނަށް ޖުމްލަ 16056 ކޮވިޑަށް ފައްސިވެފައި ވާއިރު 14190 މީހަކު ބަލިން ފަސޭހަ ވެފައި ވެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ރާއްޖޭގައި 1807 މީހަކު އެބަ ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!