ރ.މީދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އުންމީދު ޖަމްޢިއްޔާއިން އިސްނަގައިގެން އެ ރަށުގައި "އުންމީދު ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި އެކަޑަމީއެއް ހުޅުވައިފިއެވެ.

ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އުންމީދު ޖަމްޢިއްޔާގެ ޖެނެރަލް ސެކެއްޓަރީ ހަސަން ފަވާޒް ބުނެފައިވަނީ، ގިނަ ކުޅިވަރު ތަކެއް ހިމެނޭ ސްޕޯޓްސް އެކަޑަމީއެއް ރަށުގައި ހުޅުވުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގެ ކުދިންގެ މެދުގައި ކުޅިވަރުގެ ހުނަރު އިތުރު ކުރުމާއި، ކުޅިވަރުގެ ތެރެއިން އަޚުލާގު ކުރިއެރުވުމުގެ އިތުރުން ސިއްހީ ގޮތުން ރަނގަޅު ޖީލެއް ބިނާކުރުން ކަމަށެވެ.

Ad
rt

01 ފެބްރުއަރީ 2021 ވީ ހޯމަ ދުވަހު މީދޫ ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކަޑަމީ ހުޅުއްވައި ދެއްވާފައިވަނީ ނ. ހޮޅުދޫ މައި ޔޫޓައިލް ސްޕޯޓްސް އެކެޑަމީ ގެ ޗެއަރމަން މޫސާ އިބްރާހީމްގެ އިތުރުން ރ.މީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް، ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް، އިބްރާހީމް ޝުހާދުއެވެ.

މި އެކަޑަމީގައި ޖުމްލަ 138 ކުދިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 އަންހެން ބައިވެރިނާއި، 80 ފިރިހެން ބައިވެރިންނެވެ. އަންހެން ބައިވެރިންނަށް މި އެކަޑަމީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ ނެޓްބޯޅަ، ހޭންޑްބޯޅަ، ވޮލީބޯޅަ، ބެޑްމިންޓަން އަދި ސްވިމިންއެވެ.

ފިރިހެން ބައިވެރިންނަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ ފުޓްބޯޅަ، ވޮލީބޯޅަ، ފުޓްސަލް، ބެޑްމިންޓަން އަދި ސްވިމިންއެވެ.

މި އެކަޑަމީ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބައިވެރިން ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެ އުމުރު ފުރާތަކުގެ ތެރޭގައި ހިމެނެނީ 7 އަހަރުން ދަށް، 10 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ.